"ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާ ދެމެދު ކަނޑުމަތިން ޤަވާއިދާ ޚިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ފަތުރަނީ ހަޤީޤަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ދިވެހިންގެ އިއްޒަތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެ އާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެސް ބުނެފައި ވެއެވެ.
ރައީސް އޮފީހުން ބުނީ، ދިވެހި ރާއްޖެއަކީ އުތުރު ކޮރެއާއާ ގުޅޭ ޤަރާރުތައް ވެސް ހިމެނޭ ގޮތަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒު ކުރުމަށް އަބަދު ވެސް ޚާއްޞަ ސަމާލުމެއް ދޭ ޤައުމެއް ކަމަށެވެ. އަދި ސަރުކާރުން ދަނީ ވަރަށް ގާތުން މި މައްސަލަ ބައްލަވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި، ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރާ އުޅަނދަކުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް، އުތުރު ކޮރެއާގެ އުޅަނދަކާ މުއާމަލާތް ކުރި މައްސަލަ ފެންމަތިވެފައިވާއިރު، އެ މައްސަލަ ބަލަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރި އުޅަނދަކުން އުތުރު ކޮރެއާގެ ބޯޓަކާ މުއާމަލަތް ކުރި ކަން ފުރަތަމަ ހާމަކޮށްފައި ވަނީ ޖަޕާން ސަރުކާރުގެ ޚާރިޖިއްޔާއިންނެވެ.