ހައްޔަރު ކުރެވޭ މީހުންނައިގެން ދޫނިދޫ ޖަލު މިހާރު ވަނީ ފުރިފައި ކަމަށާއި އެތަނުގައި ތިބޭ ބައެއް މީހުންނަށް އެންމެ އެކަށޭނަ އަސާސީ ޙައްޤުތައް ފޯރުކޮށް ދެމުން ނުދާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ޣައިރު ޤާނޫނީ ސްޓޭޓް އޮފް އިމަޖެންސީއާ ދެކޮޅަށް ކޮންމެ ރެއަކު ވެސް އެތައް ބަޔަކު އިހުތިޖާޖް ކުރަމުންދާއިރު އޭގެ ތެރެއިން ސިޔާސީ މީހުންނާއި ގިނަ އަދަދެއްގެ ޢާއްމުން ދަނީ ހައްޔަރު ކުރަމުން ކަމަށާއި ކުރީ ދުވަހު ފުލުހުންގެ ހައްޔަރަށް ދޫނިދޫއަށް ގެންދިއުމުން ވަރަށް ގިނަ ކަންކަން ހާމަވެފައިވާ ކަމަށެވެ. ވަރަށް ގިނަ ކަންކަން އަމިއްލައަށް ތަޖްރިބާ ކުރެވި ވަރަށް ގިނަ މައުލޫމާތުތައް އެނގި ސާފުވެގެން ހިނގައްޖެ ކަމަށެވެ.
އަމީތު ވިދާޅުވީ އެތަނުގައި ތިބި ގިނަ ބަޔަކާ ބައްދަލުވެ މުއާމަލާތް ކުރެވުނު ކަމަށާއި ޣައިރު ޤާނޫނީ އެސްއޯއީގެ ދަށުން ހިފާ ހައްޔަރުކޮށްފައިވާ އެތައް ބައެއްގެ އަސާސީ އެތައް ހައްޤެއް ނިގުޅައިގެންފައިވާ ކަމަށެވެ.
"އެމީހުންގެ އެތައް ޙައްޤެއް ވަނީ ނިގުޅައިގެންފައި. އަދަދު ނުދެންނެވި ކަމުގައި ވިއަސް ދޫނިދޫ ވަނީ ފުރިފައި. ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަށް މާގިނަ ޖާގައެއް ނެތް،" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ އެކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ޖަލުގައި ތިބި ފަރާތްތަކާ ވާހަކަ ދައްކާލުމުން އެނގުނީ ރަނގަޅު ބޯފެން ވެސް ނުލިބޭ ކަން ކަމަށެވެ.
"ބައެއް ފަހަރު ބޯނެފެން ނުލިބުނީމާ ފުލުހުން ބުނެފަ އެބަހުރި ފާޚާނާ ކައިރީ ހުންނަ އިސްކުރުން ފެން އަޅައިގެން ފެން ބޯން. އެތަނުގައި ފަންކާއެއް ނުހުރޭ ވަރަށް ހޫނުގަދަ" އަމީތު ވިދާޅުވިއެވެ.
އޭގެ އިތުރުން ގޮޅިތަކުގައި ތިބޭ މީހުންނަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ވެސް ރަނގަޅަށް ފޯރުކޮށް ނުދޭ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ކަންކަން އެހެން ހުރި ނަމަވެސް ހައްޔަރުކޮށްފައި ތިބި ހުރިހާ ފަރާތްތަކެއް ވެސް ތިބީ ވަރަށް ގަދަފަދަކޮށް ކަމަށާއި އެވެރިން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ހިތްވަރު ކުރުމަށާއި ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.