ދިވެހި ދިދަ ނަގައިގެން އުތުރު ކޮރެއާގެ އުޅަނދަކާ އެކު, ބައިނަލްއަޤްވާމީ ޤާނޫންތަކާ ޚިލާފަށް މުއާމަލާތްކުރި އުޅަނދުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރާ ޝިން ޔުއާން 18 ނަމަކަށް ކިޔާ އުޅަނދަކުން އުތުރު ކޮރެއާގެ ޗޮން މާ ސަން ކިޔާ އުޅަނދަކާ އެކު ކަނޑުމަތީގައި މުއާމަލާތް ކުރަމުންދިޔަކަން ރާއްޖެއާ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުން އަންގާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އެއީ ކޮން ޤައުމެއް ކަން ހާމަކޮށްފައި ނުވި ނަމަވެސް، އެކަން ހާމަކޮށްފައި ވަނީ ޖަޕާނުންނެވެ.
ކަނޑުމަތީގައި ޝައްކުކުރެވޭ ޒާތުގެ މުއާމަލާތުތަކެއް މި ދެ އުޅަނދު ކުރަމުން ދިޔަކަން ފަޅާއެރީ ޖަޕާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ޗައިނާ ކަނޑު ޕެޓްރޯލްކުރުމުގެ ތެރޭގައެވެ.
ޑިފެންސް މިނިސްޓްރީ އިން ބުނީ ރާއްޖެއަކީ އެހެން ޤައުމުތަކުގައި ދުއްވާ ކަނޑުގެ އުޅަނދު ރަޖިސްޓްރީކޮށްދޭ ޤައުމެއް ނޫން ކަމުން، އެއުޅަނދު ރާއްޖޭގައި ރަޖިސްޓްރީކުރުމުގެ ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގުމުގެ ފުރުސަތު ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވެއެވެ.
އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި، ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރާ އުޅަނދަކުން، ބައިނަލްއަޤްވާމީ ޤާނޫންތަކާ ޚިލާފަށް، އުތުރު ކޮރެއާގެ އުޅަނދަކާ މުއާމަލާތްކުރި މައްސަލަ ބަލަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނިއިރު، ޓްރާންސްޕޯޓް އޮތޯރިޓީ އިން ވެސް ވަނީ ޝިން ޔުއާން 18 އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިން ޔުއާން 18 ނަމަކަށް ކިޔާ އުޅަނދެއް އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓަރކޮށްފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް އެބޯޓުގެ ކޯލް ސައިންގެ ގޮތުގައި އދ. ގެ ޖަމާޢަތެއް ކަމަށްވާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި ރަޖިސްޓަރކޮށްފައިވާ ނަމްބަރާއި ފްރިކުއަންސީއަކީ ރާއްޖެ އިން ރަޖިސްޓަރކޮށްދީގެން ނޫނީ ބޭނުން ނުކުރެވޭނެ ނަމްބަރުތަކެއް ކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.