ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ޚިޔާލުތަކާ އެއްގޮތަށް އޭޓީއެމްއެމް އިން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށާއި މި ގޮތަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާރޗް އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ތާރީހުން ފެށިގެން އެންމެ ގިނަ އަދަދެއްގެ ގޮތުގައި ދުވާލަކަށް 25،000ރ. ނެގޭއިރު ދުވާލަކަށް ޖަމާކުރެވޭ އަދަދަކީ 50،000 ރުފިޔާއެވެ. ކުރިން އެންމެ ގިނަ އަދަދެއްގެ ގޮތުގައި 10،000ރ. ނެގޭއިރު ފައިސާ ޖަމާކުރެވޭ އަދަދަކީ 25،000ރ. އެވެ.
މި ބަދަލު އަމިއްލަ ފަރުދީ އެކައުންޓްތަކަށް ގެނެވިފައިވާއިރު ވިޔާފަރި އެކައުންޓްތަކަށް މިހާރު ވެސް ހަމަޖެހިފައިވާ ލިމިޓްގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން މި ބަދަލާއެކު ޑަލޮރުގެ މުއާމަލާތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ދުވާލަކަށް ގިނަވެގެން 1،600 ޑޮލަރު ނެގޭއިރު ދުވާލަކު ޖަމާކުރެވެނީ 3،200 ޑޮލަރެވެ. މިހާރު ނެގޭ އަދަދަކީ ދުވާލަކު 640 ޑޮލަރެވެ. އަދި ޖަމާކުރެވޭ އަދަދަކީ 1،600 ޑޮލަރެވެ.
މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގައި ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ބްރާންޗްތަކަށް (25000 ރުފިޔާއިން ދަށުގެ މުއާމަލާތް) ނަމަ ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގައި ފީއެއްގެ ގޮތުން ކޮންމެ މުއާމަލާތަކަށް 75ރ. ނެގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބޭންކުގެ ސެލްފް ސަރވިސް ޚިދުމަތް ނުލިބޭ ބްރާންޗަކުން އެފީ ނުނަގާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ބޭންކުން އުއްމީދު ކުރަނީ ގެނެވުނު ބަދަލަކީ ވެސް ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނުވާނެ ބަދަލެއްގެ ގޮތުގައެވެ.
އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗަށް ޚިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
ވިޔަފާރި ކަސްޓަމަރުންނަށް ވެސް ވަކި އޭޓީއެމް ލިމިޓްތަކެއް ވަނީ ކަނޑައެޅިފައި ކަމަށާއި ކައުންޓަރ ފީ ވިޔަފާރި ކަސްޓަމަރުން އަތުންވެ ސް ނެގޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ބޭނުންކުރުމަށް ބޭންކުން ވަނީ އެދިފައެވެ.