ދިވެހި ދިދަ ނަގާފައިވާ ޓޭންކަރަކުން އުތުރު ކޮރެއާގެ ޓޭންކަރަކަށް ވަގަށް ތަކެތި އެރުވުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީން ކުރައްވާ ޒާތުގެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން، ޖަޕާނުގެ މެރިޓައިމް ސެލްފް-ޑިފެންސް ފޯސްގެ އެއާކްރާފްޓަކުން އުތުރު ކޮރެއާގެ ދިދަ ނެގި ޓޭންކަރެއް ކަމަށްވާ ޗޮން މާ ސަން އާއި ދިވެހި ދިދަ ނެގި ޓޭންކަރެއް ކަމަށްވާ ޗިން ޔުއަން-18، 24 ފެބްރުއަރީގެ ދަންވަރުގެ ވަގުތެއްގައި ޗައިނާގެ އިރުމަތީ ކަނޑުން ވަނީ ފެނިފައެވެ.
ދެ އުޅަނދު ކައިރި ކައިރީގައި ތިއްބާ ފެނިފައިވާ ކަމަށާއި، އެ ގަޑީގައި ދެ އުޅަނދުގެ ބޮކިތައް ދިއްލާފައި ހުރިކަން ޖަޕާނުން ވަނީ ފާހަގަކޮށްފައެވެ. އަދި ދެ އުޅަނދުން އަމަލުކުރަމުންދިޔަ ގޮތް ދިރާސާ ކުރުމަށް ފަހު، އދ. ގެ ސެކިއުރިޓީ ރިޒޮލިއުޝަން އިން މަނާކޮށްފައިވާ ކަންތަކެއް ކުރަމުންދިޔަ ކަމަށް "ވަރަށް ބޮޑަށް" ޝައްކު ކުރެވޭ ކަމަށް ވެސް ޖަޕާނުން ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން ޖަޕާނުން ދެކޭ ގޮތް ޗިން ޔުއަން 18 އާއި ގުޅުން ހުރި ގައުމުތަކާ ހިއްސާކޮށް، މި މައްސަލަ އދ. ގެ ސެކިއުރިޓީ ކޮމިޓީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ނޯތު ކޮރެއާގެ އުޅަނދަކަށް ރާއްޖޭގެ އުޅަނދަކުން ވަގަށް މުދާ އަރުވައި އދ. ގެ ޤަރާރުތަކާ ރައީސް ޔާމީން ޚިލާފްވެވަޑައިގެންނެވުމަކީ ހައިރާންވި ކަމެއް ނޫން ކަމަށާއި ނަމަވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި 1990 ގެ އަހަރުތަކުގައި ވެސް ބަރުމާގެ އަސްކަރީ ޖަންތާއިންނާ އެކު މިފަދަ ކަންކަން ހިންގާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.
It’s concerning, but unsurprising, to learn Prez Yameen is again breaking UN sanctions, this time with North Korea. He’s getting Maldives flagged ships to transfer cargo to North Korean ships on the high seas. In 1990s, Prez Yameen did the same with Burmese junta.
— Mohamed Nasheed (@MohamedNasheed) February 28, 2018
ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް ޔާމީން ދައުލަތުގެ ބޮޑެތި މަގާމުތަކެއް ފުރުއްވި އިރު ބަރުމާއާ އެކު 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މުއާމަލާތުތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވި ރައްޔިތުންގެ މަޖިލީހާއި ރިޔާސީ ކޮމިޝަނުން އެ މައްސަލަ ގެންދިޔައީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ މަދު ދުވަސްކޮޅުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުން ބޮޑެތި ހޭދަތަކެއް ކޮށް އެ މައްސަލަ ވަނީ އޮއްބާލާފައެވެ.
ތެލުގެ ވަގު ވިޔަފާރީގެ ތުހުމަތުތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އެކި މުނާސަބަތުތަކުގައި އެކަން ދޮގު ކުރައްވާފައެވެ.