ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުބިލި، އެމަނިކުފާނުގެ ހާލު ދެރަވަމުންދާ ކަމަށް ބުނެ، އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަދާލަތު ޕާޓީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މީގެ ދެ މަސްކުރިން އިމްރާން ޑޮކްޓަރަށް ދެއްކި ނަމަވެސް އެކަށީގެންވާ ފަރުވާ ދީފައި ނުވާ ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ އެ ޕާޓީ އިން ބުނީ އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރި ކަމަށާއި ޝައިޚްގެ ހާލަތާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައި ވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ. ނަމަވެސް މުއައްސަސާތަކުން އިމްރާނަށް އެ ފުރުސަތުތައް ފަހިކޮށްދީފައި ނުވާ ކަމަށް އަދާލަތުން ބުންޏެވެ.
The Adhaalath party is deeply concerned about Sheikh Imran’s deteriorating health condition and the situation if prolonged will worsen the functioning of his heart, the blood pressure and other existing health issues, according to experts.#FreeSheikhimran#MaldivesInCrisis
— Adhaalath Party (@AdhaalathOffice) February 28, 2018
މުއައްސަސާތަކުން އެކަމާ އަޅާނުލާތީ، ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލާއިން ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރެއްގެ މަތިން އެ ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެކަށިގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.
އިމްރާނަށް އެކަށީގެންވާ ފަރުވާ، އަވަސް މުއްދަތެއްގެ ތެރޭގައި ނުދީފި ނަމަ، ނުރައްކާވެދާނެ ކަމަށާއި އެގޮތުން އޭނާގެ ހިތަށާއި ލޭގެ ޕްރެޝަރު މައްޗަށް ގޮސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އަދާލަތުން ބުންޏެވެ.
More than two months ago, a Medical examination showed that Sheikh Imran's blood sodium is at a very critical level & doctor has prescribed a follow-up examination since then.
— Adhaalath Party (@AdhaalathOffice) February 28, 2018
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.