ހައްޔަރު ކުރީ ސީދާ ކޮން ގާނޫނެއްގެ ދަށުން ކަމެއް ކަށަވަރު ނުވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒް ސަރަހައްދުގައި ހުންނަވާ މީޑިއާއަށް އިންޓަވިއު ދެއްވަން ހުއްޓާ ހޯމަ ދުވަހުގެރޭ ހައްޔަރުކުރުމަށް ފަހު އަބުޅޯ ދޫކޮށްލީ އަންގާރަ ދުވަހުގެ ރެއެވެ. އަބުޅޯގެ އިތުރުން އެރޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވަނީ ހައްޔަރު ކުރުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ދޫކޮށްލާފައެވެ.
އަބުޅޯ ރާއްޖެއެމްވީއަށް ވިދާޅުވީ ހައްޔަރު ކުރުމަށް ފަހު ދޫނިދޫ ކަސްޓޯޑިއަލް އަށް ގެންގޮސް އަތުގައި ހުރި ތަކެތި ހަވާލުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަމަށް ފުލުހުން ބުނެފައިވާ ކަމަކަށާއި އެހެން ނަމަވެސް އޭނާ ދޫކުރިއިރު ބުނެފައި ވަނީ ފޯނު ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އެހެންކަމުން އޭނާ ހައްޔަރު ކުރީ ސީދާ ކޮން ކަމެއްގައި ކަމެއް އަދި ކޮން ގާނޫނެއްގެ ދަށުން ކަމަށް ކަށަވަރު ނުވާ ކަމަށް އަބުޅޯ ވިދާޅުވިއެވެ.
އަބުޅޯ އާއި އަމީތު ހައްޔަރުކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ވެސް މި ދެ ބޭފުޅުން ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ހުކުރު ދުވަހުގެ ރޭ އެ ދެ ބޭފުޅުން ވެސް ފުލުހުން ވަނީ ދޫކޮށްލާފައެވެ.