ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ބިންތަކެއް އަތުލަން ޅ. ނައިފަރު ކައުންސިލުން މަސައްކަތް ކުރަން ފެށުމުން، ހައުންސިން މިނިސްޓްރީން އެކަން ހުއްޓުވައިފިއެވެ.
ނައިފަރުގެ ބޮޑު ދެ ބިން ދޫކޮށްފައި ވަނީ އެ ރަށުގެ އަމިއްލަ ދެ ޖަމިއްޔާއަކަށެވެ. ދައުލަތަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް އެ ދެ ބިން ދޫކޮށްފައި ވަނީ ނައިފަރު ޖުވެނައިލް އާއި ނައިފަރު އިކޯޔޫތަށެވެ. އެ ދެ ބިމުގެ ޖުމްލަ ބޮޑު މިނަކީ 15،426 އަކަފޫޓެވެ.
ގަވާއިދާ ހިލާފަށް އެ ބިންތައް ދޫކުރި މައްސަލަ އޭސީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމާފައި ވަނީ އެ ބިންތައް ދޫކުރީ އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރެވޭ ގޮތަށް ކަމަށްވާތީ އެފަދަ ބިންތައް އެއްވެސް ކުއްޔަކާ ނުލައި ދޫކުރުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. އެގޮތުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާ ހިލާފަށް އެ ބިންތައް ދޫކޮށްފައިވާ ކަމަށް އޭސީސީއަށް ފާހަގަ ކުރެވޭ ކަމަށް އޭސީސީން ނައިފަރު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެ ބިންތައް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކޮމިޝަނުން ނިންމާފައި ވަނީ އެ ބިންތައް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އެ ބިންތައް ދޫކޮށްފައި ވާތީ އެކަމާމެދު ފިޔަވަޅު އެޅުމަށް ހައުންސިން މިނިސްޓްރީއަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހެޅުމަށް އޭސީސީ ނައިފަރު ކައުންސިލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ހައުސިން މިނިސްޓްރީއަށާއި އެލްޖީއޭއަށް ހުށަހެޅުމުން އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. ގަވާއިދާ ހިލާފަށް އެ ބިންތައް އަމިއްލަ ޖަމިއްޔާތަކަށް ދޫކޮށްފައި ވަނީ ކައުންސިލްގެ ކުރީގެ ދައުރަކުން ކަމަށްވާތީ، އެފަދަ ކަމެއްގެ ޒިންމާ ކައުންސިލުން މިހާރު ވެސް އުފުލަންޖެހޭތީ ބިންތައް އަތުލުމަށް 30 ދުވަހުގެ ނޯޓިސްއެއް ބިންތައް ބޭނުންކުރަމުންދާ ފަރާތްތަކަށް ދިނުމުން ހައުސިން މިނިސްޓްރީން އެކަން ހުއްޓުވާފައިވާ ކަމަށް ކާރިމް ވިދާޅުވިއެވެ.
ހައުންސިން މިނިސްޓްރީގެ ކޯޑިނޭޓަރަކު ސޮއިކޮށް، ނައިފަރު ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ސިޓީފައި ބުނެފައިވާ ގޮތުން ބިމުގެ އެއްވެސް މުއާމަލާތެއް ކުރެވޭނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. އެހެންކަމުން ނައިފަރު ދެ ބިން އަތުލުމަށް ފޮނުވި ސިޓީ ބާތިލު ކުރުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.