ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 15:13
ބީއެމްއެލް އިވެންޓްގެ ތެރެއިން
ބީއެމްއެލް އިވެންޓްގެ ތެރެއިން
ރާއްޖެއެމްވީ
ބީއެމްއެލް
ބީއެމްއެލް އިން އިންޓަރންޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފި
މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެއް

ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ބޭންކުގެ "ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށެވެ. ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ބޭންކުގެ އެކިއެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ގިނަ މައުލޫމާތު ލިބި، އެ ބައިވެރިންގެ ހުނަރުވެރިކަން އިތުރުވެގެންދާނެއެވެ.

މި ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެއް އަހަރުގެ މައްދަތަކަށް ކަމަށެވެ.  

މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށްވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅަނެ ކަމަށާއި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

"ޤައުމީ ޔުނިވަރސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް މި އިންޓަރންޝިޕް ޕްރޮގްރާމް ހުޅުވާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ވަޒީފާ ހޯދުމަށް ފަހި ފުރުސަތެއް މިވަނީ ހުޅުވާލެވިފައި" ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ފަހު މުއްދަތަކީ މާރޗް ހަވަނަ ދުވަހެވެ. އަދި މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާ ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.

 

 

- ކޮމެންޓް