ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އެ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެެރުނު އަމުރުގައި ވަނީ އިންތިހާބުވާ ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ނިންމައި އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ޙުކުމް ބާތިލްކުރާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ "ފްލޯ ކްރޮސިން"އާ ބެހޭ ޤާނޫނު ހެދިފައިނުވާއިރު މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ ހުއްޓުން ނިމުމަކަށް ގެނައުމެވެ. އަދި މެމްބަރުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ނެރެފައިވާ އެ އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރުގެ، އެ ބައި ބާތިލްކުރުމަށް އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. މިމަހުގެ 18 ވަނަ ދުވަހު ނެރެފައިވާ އެ އަމުރުގައި ވަނީ މެމްބަރުންނާ ގުޅޭ ބަޔަށް އަމަލު ކުރުން ފަސް ކުރުމަށެވެ.
މިމައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހަޅާފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފަރާތުންނެވެ.
ސިޔާސީ ޕާޓީތަކުގެ ފަރާތުން މިމައްސަލާގައި ވަކާލާތު ކުރައްވާ ޤާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ވަނީ އެކަމާ ގުޅޭ ލިޔުންތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.
ދައުވާ ލިބޭ ފަރާތެއް ނެތްގޮތަށް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާރނީ ޖެނެރަލް ހުށަހެޅުއްވި މިމައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ތާވަލު ކުރުމަށްފަހު، ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.