ގިނަ ޤައުމުތަކަކުން ބައިވެރިވާގޮތަށް، އިންޑިއާއިން އިސްނަގައިގެން ހިންގާ ކަނޑުމަތީގެ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިނުވާން ދިވެހިރާއްޖެއިން ނިންމާފައިވާ ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ، އެޑްމިރަލް ސުނިލް ލަންބާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، މާރިޗު މަހުގެ ހަވަނަ ދުވަހު ފަށާ ތަމްރީނުތަކުގައި ބައިވެރިވުމަށް ރާއްޖެއަށް ދިން ދަޢުވަތު ރާއްޖެއިން ޤަބޫލު ނުކުރި ކަމަށެވެ. އަދި ރާއްޖެއިން އެ ދަޢުވަތު ޤަބޫލު ނުކުރި ސަބަބެއް ވެސް ރާއްޖެއިން އަންގާފައި ނުވާ ކަމަށް އެޑްމިރަލް ލަންބާ ވާނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި 'މިލާން' ގެ ނަމުގައި އިންޑިއާ ކަނޑުގައި ހިންގާ މި ތަމްރީނުތަކުގައި 16 ޤައުމެއްގެ އަސްކަރިއްޔާ އާއި ނޭވީއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށް އިންޑިއާއިން ދިން ދަޢުވަތު ރާއްޖެއިން ޤަބޫލު ނުކުރިކަން އިންޑިއާއިން ހާމަ ކުރިއިރު، ރާއްޖެއިން މީގެކުރިން އިންޑިއާ އާއި އެކު ކަނޑުމަތީގެ އަސްކަރީ އެކި ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.