މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށް، ހިމާޔަތްކޮށްފައި ވަނިކޮށް ފަތުރުވެރިކަމަށް މަޝްހޫރު އއ. އުކުޅަހުގައި މިޔަރުގެ މަސްވެރިކަން ކުރި މައްސަލައެއް ފެންމަތިވެ، މައްސަލަ ބޮޑުވެއްޖެއެވެ.
ދާ ޖަހައިގެން މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ މައްސަލައެއް އއ. އުކުޅަހު ކައުންސިލަށް ފާހަގަ ކުރެވިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ހަފްތާގެ ތެރޭގައެވެ. މިޔަރު ހިފަން އުކުޅަހުގެ ފަރުމަތީގައި ދަލެއް ޖެހި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް، އާންމުންގެ ބަޔަކު ވަނީ އެ ދާ ފަރުމަތިން ނަގާފައެވެ. ނެގިއިރު، އެ ދަލުގައި ގިނަ އަދަދެއްގެ މިޔަރު ވަނީ ޖެހިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލުންގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އެ ރަށު ފަރުމަތީގައި ދާ ޖަހައިގެން މިޔަރު ހިފަން އުޅުނީ ކާކުކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަން ކުރީ ކާކުކަން ފުލުހުންނަށް ވެސް އެނގޭނެ ކަމަށާއި ނަމަވެސް އެކަން ކުރި މީހާއާމެދު ފުލުހުން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގިފައި ނުވާ ކަމަށް ޝައުކަތު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންނަށް ގުޅާލުމުން، ފަހުން ޖަވާބުދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު އެއްޗެއް ބުނެފައެއް ނުވެއެވެ.
މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމުން، މިޔަރު ހިފި މައްސަލަ އުކުޅަހު ކައުންސިލުން ވަނީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ވެސް ހުށަހަޅާފައެވެ.
ފަތުރުވެރިކަން ކުރިއަރަމުން އަންނަ އުކުޅަހުގައި އެފަދަ ކަމެއް ކުރުމުން، އެ ރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުނިމެނޭޖު ކުރުމާއި ތިމާވެށީގައި ރާއްޖޭގެ އެހެން ރަށްތަކަށް ނަމޫނާއެއް ދައްކަމުންދާ އެ ރަށުގައި އެފަދަ އަމަލެއް ހިންގުމުން ރަށުގައި ތިބި ފަތުރުވެރިން ރަށާމެދު ދެކޭ ގޮތް ބަދަލުވެގެންދާނެތީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
މިޔަރު ހިފަން ބޭނުން ކުރި ދާ ފަރުމަތިން ނަގާފައި ކައުންސިލްގެ އިދާރާގެ ކުރިމަތީގައި މިޔަރުތަކާއެކު ބާއްވާފައި އޮތް ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިޔަރު ހިފަން ބޭނުންކުރި ދަލާއި މިޔަރުތައް ކައުންސިލް އިދާރާގެ ކުރިމަތީގައި އަތުރާފައި ވަނީ އެކަމުގެ ކަންބޮޑުވުން ހާމަކުރުމުގެ ގޮތުން ކަމަށް އެކަން ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.