އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ހުޅުމާލޭގައި ހަދާފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަން ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ތިރީސް ހާސް އަކަ މީޓަރުގެ ބިމެއްގައި ހަދާފައިވާ މި ހޮސްޕިޓަލަށް 110 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް، އެ ކުންފުނީގެ އެއް ޑިރެކްޓަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފީފު ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނު 8:00 ގައި ހޮސްޕިޓަލްގެ ހިދުމަތް ފަށާނެ ކަމަށެވެ.
ރާއްޖޭން ބޭރަށް ގޮސް ގިނަ ދުވަސްތަކުގައި ތިބެގެން ކުރަންޖެހޭ ހަރަދަށް ވުރެ ޓްރީ ޓޮޕްގެ ހިދުމަތް އަގުހެޔޮވެގެން ދާނެ ކަމަށާއި ރަށްރަށުން އަންނަ މީހުންނަށް ހޮސްޕިޓަލުން ކުއްޔަށްދޭ ކޮޓަރިތަކުގައި ތިބެވޭނެ ކަމަށް އަފީފު ވިދާޅުވި އެވެ.
މި ހޮސްޕިޓަލުން އާސަންދަ ގަބޫލުކުރެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަށް ދުނިޔޭގެ 34 ގައުމަކުން ޑޮކްޓަރުން ރެކްރޫޓް ކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ އަދި ޔޫއެސްއޭގެ ޑޮކްޓަރުން ހިމެނެ އެވެ. އަދި އެ ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އަފީފު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގެ އަމާޒަކީ ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންނަކީ ވެސް ދިވެހި ޑޮކްޓަރުންނަށް ހެދުމެވެ.
މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު "ފުލީ އޮޓޯމެޓިކު" ހޮސްޕިޓަލަކަށްވާއިރު މި ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެއެވެ. އެގޮތުން ދެ މީހަކަށް އެއްފަހަރާ ޚިދުމަތްދެވޭ 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާފައިވާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަރ ސުއިޓާއި، ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހިމެނެއެވެ.