ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގައި އާދިއްތަ ދުވަހު ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުން އެރޭ ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ސަޕޯޓަރެއްކަމުގައިވާ ނައީމާ މުހައްމަދު (ނައިމާއްތަ) އާއި އިތުރު އަންހެނަކާއި ފިރިހެނެކެވެ.
މިތިން މީހުން ހޯމަ ދުވަހުގެ ރޭ ދޫކޮށްލާފައިވާ އިރު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަނީ ހައްޔަރުކޮށްފަ އެވެ.
އަމީތު ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒް ސަރަހައްދުގައި ހުއްޓައެވެ. މެމްބަރު އަބްދުﷲ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މުޒާހަރާއާ ބެހޭގޮތުން މަޒާޑާ ކުރިމަތީގައި ހުރެ މީޑީއާތަކަށް އިންޓަވިއު ދެއްވަނިކޮށެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު ވެސް އަމީތާއި އަބްދުﷲ ހައްޔަރު ކުރި އެވެ. އެހެން ނަމަވެސް އެދެމީހުން ހުކުރު ދުވަހުގެ ރޭ ދޫކޮށްލި އެވެ.
މީގެ އިތުރުން އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރ ތޫބާ ރަޝީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.