ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީ އާއި އޮޕަރޭޝަނަލް އިކުއިޕްމަންޓްސް އާއި ސެކިއުރިޓީ އިކުއިޕްމަންޓްސް އާއި ނެވިގޭޝަނަލް އަދި މެޓް އިކުއިޕްމަންޓްސް ސަޕްލައިކޮށްދީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރާކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާތަކެތީގެ ބީލަން ރެޖިސްޓްރޭޝަން ފީ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މާޗްމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ އިއުލާންގައި ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ އެއާޕޯޓު އަޅަން ހަމަޖެހިފައިވާ ސަރަހައްދުން 12 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާލާފައެވެ.
ކުޅުދުއްފުށީގައި ހަދާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް 160 ދުވަހުގެ ތެރޭގައި ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިމަހުގެ 12 ވަނަ ދުވަހު ވަނީ ހަވާލު ކޮށްފައެވެ.