ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފިއެވެ.
އަމީތު ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒް ސަރަހައްދުގައި ހުއްޓައެވެ. ހަމައެހެންމެ މެމްބަރު އަބުޅޯ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މުޒާހަރާއާ ބެހޭގޮތުން މަޒާޑާ ކުރިމަތީގައި ހުރެ މީޑީއާތަކަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ.
މި ދެ ބޭފުޅުންގެ އިތުރުން އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް މެމްބަރު ތޫބާ ރަޝީދާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ، މި ދެ ފަރާތް ހައްޔަރުކޮށްފައިވަނީ ވެސް ކުނޫޒް ސަރަހައްދުންނެވެ.
އަމީތު އާއި އަބުޅޯ ހައްޔަރުކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ވެސް މި ދެ ބޭފުޅުން ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ހުކުރު ދުވަހުގެ ރޭ އެ ދެ ބޭފުޅުން ވެސް ފުލުހުން ވަނީ ދޫކޮށްލާފައެވެ.