ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލުން މިއަދު ރާއްޖެއާ މެދު ނިންމި ނިންމުންތަކާ އެކު ޔޫރަޕްގެ އެއްވެސް ބޭންކަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ފައިސާ ނުދޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
އީޔޫގެ ބަޔާނާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވި ހިސާބުން ބައެއް ބޭންކުންތަކުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް އެޗްއެސްބީސީ އާއި ބޭންކް އޮފް ސިލޯން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ މި ނިންމުމުގެ އާހިރު ނަތީޖާއަކީ އެއްވެސް ބޭންކަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފައިސާ ދޫނުކުރުން ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމީން އިއުލާނުކުރެއްވި ހިސާބުން މޫޑީސްގައި ރާއްޖޭގެ ރޭޓިން ދަށަށް ހިނގައްޖެ. އެޗްއެސްބީސީ އިން ރާއްޖޭގެ އެކްސްޕޯޝަރ ކުޑަކުރުމުގެ ގޮތުން ދެބައިކުޅަ އެއްބައި ކަނޑާލައިފި. ބޭންކް އޮފް ސިލޯނުން ރާއްޖެއަށް އިތުރު ކްރެޑިޓް ނުދޭން ނިންމައިފި. ޔޫރަޕުގެ އެއްވެސް ބޭންކަކުން މިއަދުގެ މި ނިންމުމަށް ފަހު ފިޔަވަޅެއް އެޅިޔަސް ނޭޅިޔަސް ސެންކްޝަނެއް އިއުލާނު ކުރިޔަސް ނުކުރިޔަސް ޔޫރަޕުގެ އެއްވެސް ބޭންކަކުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް މިހާރު ފައިސާ ދޫކުރުމުގެ ފުރުސަތު މި ނިމުނީ"
ގުޅިފައިވާ ޕާޓީތަކުން މިގޮތަށް ބުނެފައިވާއިރު އީޔޫގެ ކައުންސިލް ބައްދަލުވުމުގައި ހޯމަ ދުވަހު ވަނީ ރާއްޖޭގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވިސްނަންޖެހޭނެ ކަމަށް ބުނެ އިންޒާރުދީފައެވެ.