ކުރީގެ ރައީސް މައުމުން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިތާ 20 ދުވަސްވީ އިރު އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ޤާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ނަދީމް ހިމެނިވަޑައިގަންނަވައެވެ. ނަދީމްގެ މައްޗަށް ވެސް ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު ފުލުހުންކުރެއެވެ.
ނަދީމްގެ ޤާނޫނީ ވަކީލް މޫސާ ސިރާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައްޔަރުކުރުމަށް ފަހު، ތަހުޤީޤަށް ނަދީމާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ ފުލުހުންގެ ޕްރޮފެޝަނަލްކަން ތޯ ސިރާޒް ވަނީ ސުވާލުކުރައްވާފައެވެ.
SoE ge dhashun @MNadhym 6 February ga hayyarukoh miadhah 20 dhuvas vee iru adhi @PoliceMv ge faraathun @MNadhym aa thahugeegah ehves suvaaleh kohfa eh nuvey. Mi hama professionalism?
— Moosa Siraj (@MoosesSiraj) February 26, 2018
ނަދީމްގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ރައީސް މައުމޫނާއި، އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކޮށްފައި ވެއެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ވެސް ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުކުރެއެވެ. ފުލުހުން ބުނެފައި ވަނީ ރައީސް މައުމޫން، ފަނޑިޔާރުންނާ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދަވާ ކަމަށެވެ.
މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތައް ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި އެ ފަރާތްތަކުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ދައުވާކުރާނެ ކަމަށް ޝިފާން ވިދާޅުވިއެވެ. ނަމަވެސް ހައްޔަރުކުރެވިފައިވާ ބޭފުޅުންގެ ވަކީލުން ވިދާޅުވީ ހައްޔަރުކުރުމަށް ފަހު އެއްވެސް ސުވާލެއް ނުކުރާއިރު ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށް ބުނަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
ހޯމަ ދުވަހު ފުލުހުން ދިން ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރާ ފަރާތްތަކުގެ މައްސަލަ މި ހަފްތާގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. އަދި ހެކި ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.