ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ނެގި ވޯޓު ސައްޚަކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވައިފިއެވެ.
ސުޕްރީމް ކޯޓުން ދާދި ދެންމެ ހާމަ ކުރެއްވި އެ ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި "ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތިބެގެން ކަމަށް ބުނެފައިވީ ނަމަވެސް ކުއްލި ނުރައްލުގެ ގަރާރާ ގުޅޭ ވޯޓު ނެގުމަށް އެ އަދަދަކީ ތުސްތޫރީ ގޮތުން ލާޒިމްކުރާ އަދަދެއް ނޫން ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ދެ ކަމެއް ފާސްކޮށްފައެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ކޮމެޓީމަރުހަލާގައި ގެނެވުނު އިސްލާހްތަކާ އެކު ފާސްކުރުމާއި 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ފާސްކުރުމެވެ.
ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 228 ވަނަ މާއްދާ ހިފަހައްޓާފައި ނުބޭއްވޭނެ ކަމަށް ނިންމުން ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން ޖަލްސާގެ ގާނޫނީ އަދަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 25 އިންސައްތަ ކަމަށް ބަލައިގެން ކަމަށާއި އަދި އެ ނިންމުންތައް އެ އަދަދަށް މެމްބަރުން ތިބެގެން ނިންމިދާނެ ކަމަށެވެ.