ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުން ކުރައްވަމުންދާ ކަންކަމުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.
މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ގިނަ ބަޔަކު ހައްޔަރުކޮށް ވަޒީފާ ގެއްލިގެންދާ މަންޒަރު ފެންނަ ކަމަށާއި އެފަރާތްތަކާއި އެފަރާތްތަކުގެ އައިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމާފައިވާ ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެއްބައިވެ، މި ސަރުކާރުން ކުރަމުންދާ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ ފުލުހުންނާއި ސިފައިންނަށް އަޅުގަނޑު ގޮވާލަނީ ތިބޭފުޅުން ނޫން އެއްވެސް މީހަކު ރައީސް ޔާމީނަށް މަދަދު ކުރާނެ އެއްވެސް ބައެއް ނެތް. މިދުނިޔޭގައި ވެސް ނެތް. އަދި އެވެސް އޭގެ ތެރެއިން ވެސް މަދު ބަޔަކު. އެހެންވީމާ އަޅުގަނޑު ގޮވާލަނީ ފުލުހުންނާއި ސިފައިން ފާޅުގައި ކެރިގެން އަޅުގަނޑުމެންނާ ބައިވެރިވާށޭ. ތިބޭފުޅުންގެ ހައްގުތަކަށްޓަކާއި މުޅި ގައުމުގެ ހައްގަށްޓަކައި މިކަން އެބަ ކުރަންޖެހޭ،" މުސްތަފާ ވިދާޅުވިއެވެ.
މި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، 10:30 ގެ ފަހުން އާންމުންނަށް ނުއެއްވެވޭނެ ކަން އަންގާފައިވާ އިރު އެއީ ގާނޫނީ ގޮތުން ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގާނޫނު އަސާސީން އެކަން ނުދެއްކި، ފުލުހުން ހަމަ ތިބެފައި ކުރާ އަމުރަކަށް އެއްވެސް ދިވެހި ރައްޔިތަކު ތަބާވާކަށް ނުޖެހޭނެ. އަދި އެފަދަ އަމުރަކަށް ތަބާނުވާނެކަން އަންގަން. ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފުލުހުންގެ ތެރެއިން މީހުން ހައޔްރު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" އަމީތު ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، މުޅި ގައުމު ވެއްޓިގެންދަނީ ވަރަށް ބޮޑު އަނދަވަޅަކަށް ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކު ވެސް އެބައެއްގެ ގައުމީ ވާޖިބު އަދާކުރަންޖެހޭ ކަމަށެވެ.
"ގައުމު މިދަނީ ގިސްލާ ރޮމުން. ސަލާމަތް ކުރުމަށްޓަކާއި ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ. މިހާރުމީ މުހައްމަދު ތަކުރުފާނު ޒަމާނެތްނޫން. ދޮންބަންޑާރައިންގެ ޒަމާނެއް ނޫން. ކަނޑި އާއި ބަނޑީގެ ޒަމާނެތް ނޫން. އެހެން ކަމުން ރައްޔިތުންގެ އަޑު އުފުލައިގެން ގައުމު ހަމަމަގަށް އަޅުވަންޖެހޭ،" ސައުދުﷲ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުއް ލަތީފު މުހައްމަދު ވިދާޅުވީ، ހުރިހާ ރައްޔިތުން ވެސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު 08:30 ގައި ބާއްވާ އެއްވުމުގައި ބައިވެރިވާންޖެހޭ ކަމަށާއި ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. މި ސަރުކާރަށް ނޭވާލަން ފުރުސަތެއް ނުދޭނަން. މި ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ވައްދާނަން. ރައީސް ޔާމީން މަގާމުން ދުރުކުރާނަން،" ލަތީފު ވިދާޅުވިއެވެ.