އާދީއްތަ ދުވަހުގެ ރޭ ރާއްޖެއަށް ޒިޔާރާތްކުރި ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ، އެ ވަފުދުގައި ހިމެނޭ ފަރާތްތައް ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވާން އުޅުމުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވާން މަސައްކަތްކުރީ ހޯދަންޖެހޭ އެއްވެސް ހުއްދައެއް ނުހޯދައި، ޓުއަރިސްޓް ވިސާއެއްގައި ކަމަށެވެ. އަދި އެ ވަފުދުގައި ހިމެނޭ ފަރާތްތަކާ ސުވާލުކުރުމުން، އެމީހުން ރާއްޖެ އައީ ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވެ، މަސައްކަތްތަކެއް ކުރަން ކަމަށް އިމިގްރޭޝަނަށް މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މަސައްކަތް ކުރުމަށް ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދެވޭނެކަން އެ ވަފުދުގެ މެންބަރުންނަށް އެންގުމުން، ވަފުދުގައި ހިމެނޭ ފަރާތްތައް ރާއްޖެ އިން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުން ނޫން ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތް ކުރާ ނަމަ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ، އެކަމާ ގުޅޭ ގޮތުން ހޯދަންޖެހޭ ވިސާގެ ކަންކަން ދުރާލާ ހަމަޖައްސާފައިވާ ނަމަ ކަމަށެވެ. އަދި އެކިއެކި ވިސާތަކަށް އެދި ހުށަހެޅުމުން، ވިސާ ލިބުނުކަން ނުވަތަ ނޫން ކަން، ވިސާއަށް އެދި ހުށަހެޅި ފަރާތަށް އަންގާނެ ކަމަށް ވެސް އެ ބަޔާނުގައި އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ވަކި އެއްޗެއް ނާންގައި އޮތް ނަމަ، އެއީ ހުއްދަ ލިބުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި އުސޫލާ ޚިލާފަށް ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި ވެސް އެ ފުރުޞަތު ނުދޭނެ ކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހުގެ ރޭ ރާއްޖެއަށް ޒިޔާރާތްކުރި ލޯއޭޝިއާގެ ވަފުދު ހޯމަ ދުވަހުގެ ހެނދުނު ވަނީ ސްރީލަންކާގެ ކޮލޮމްބޯއަށް ގޮސްފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގައި ހިމެނެނީ ލޯއޭޝިއާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި، ލޯއޭޝިއާގެ ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި ލޯއޭޝިއާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އުޕުލް ޖަޔަސޫރިޔާ އަދި ލޯއޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެޖޯރީ ވިޖެޔަންދުރަންއެވެ. މީގެ އިތުރުން މެލޭޝިއާގެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު އަރީފާއި، ދަ ލޯ ސޮސައިޓީ އޮފް ނިއު ސައުތު ވޭލްސް ރައީސް ޑަގް ހަމްފްރީސް އާއި ޖަޕާނުގެ ބާ އެސޯސިއޭޝަންގެ މެންބަރު ޔަސުޝީ ހިގާޝިޒަވާގެ އިތުރުން ނިއު ސައުތު ވޭލްސްގެ ލޯ ސޮސައިޓީގެ މެންބަރު އަދި ލޯ އޭޝިއާގެ ސޮލިސިޓަ ކޭޓް ހިއުސަންއެވެ.
ލޯއޭޝިއާ އިން ރާއްޖެއަށް ކުރި ދަތުރުގެ މައިގަނޑު މަޤުޞަދަކީ، ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރި މައްސަލަ އާއި، ވަކީލުންނަށް ދިމާވެފައިވާ އެހެނިހެން ދަތިތަކާ ގުޅޭ ގޮތުން އެ ޖަމުޢިއްޔާގެ ސަމާލުކަމަށް ދިވެހި ވަކީލުން ގެނެސްފައިވާ މައްސަލައާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމެވެ.