މިނިސްޓަރ އައިޝަތު ޝިހާމާއި ޒެނީޝާ ޝަހީދު ޒަކީ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ސެޝަންގައި މި ދެވަޒީރުން ބައިވެރިވެޑައިގަތުމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމާއި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ހައި ލެވެލް ސެގްމެންޓްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސެޝަންގައި އެމްބެސެޑަރ ހާލާ ހަމީދު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ކޮންމެ އަހަރަކު ވެސް ތިން ސެޝަން ކުރިއަށްދާ އިރު، ފެބްރުއަރީ މަހާއި މާރިޗު މަހުގައި ކުރިއަށްދާނީ އެންމެ މަތީ ފަންތީގެ ބައްދަލުވުންތަކެވެ.
މިއަހަރުގެ ސެޝަންގައި ރާއްޖެއާއި ސީދާ ގޮތުން ގުޅޭ ރިޕޯޓެއް ހުށަހަޅާފައެއް ނުވެއެވެ.
އދގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެޑައިގަތުމަށް ރާއްޖޭގެ ދެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންފައިވާއިރު އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހައި ކޮމިޝަނަރަކީ ޕްރިންސް ޒައިދު ބިން ރައާދް އަލް ހުސައިންއެވެ. ޒައިދު ވަނީ ފާޅުގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ފާޑުވިދާޅުވެފައެވެ.
ދިވެހިރާއްޖެއަކީ ޔޫއެންއެޗްއާރްސީގެ މެންބަރު ގައުމެއް ނޫނެވެ. މިދިޔަ އަހަރު މެމްބަރު ކަމަށް ވާދަކުރުމަށް ނަން ދިނުމަށް ފަހު ރާއްޖެއިން ފަހުން ވަނީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުސިލްގައި ވާދަ ނުކުރުމަށް ނިންމާފައެވެ. ނަމަވެސް އޭގެ ކުރިން ދެ ދައުރެއްގައި ރާއްޖެއިން ވަނީ އެ ކައުންސިލްގެ މެންބަރުކަން ކޮށްފައެވެ.
ރާއްޖެއިން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އދގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެންބަރުކަމުގެ ގޮނޑި ހޯދުމަށެވެ.