ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މ. ފޭމަންސް އިބްރާހީމް އުވައިސް ނަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައްއިފި އެވެ.
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ އިބްރާހީމް އުވައިސްގެ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ޖަޕާންގެ ސަފީރު ކަމަށް އުވައިސްގެ އައްޔަން ކުރެއްވުމަށް ފޮނުވި މައްސަލަ އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރެއްވުމަށް ފޮނުއްވި މައްސަލަ އެކަންޏެވެ.
އެހެންކަމުން މި ދެމައްސަލަ ދިރާސާ ކުރުމަށް ކަމާބެހޭ ދާއިމީ ކޮމެޓީއަށް އެ ދެ މައްސަލަ ފޮނުވުމަށް ފަހު، ހޯމަ ދުވަހުގެ ޖަލްސާ ވަނީ ނިންމާލާފަ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާއެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ ފުރަތަމަ ހަފްތާގައި ބާއްވަންޖެހޭއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެޖެންޑާކުރި ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.
މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފަށާއިރު އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުން އެ 12 މެމްބަރުންގެ ގޮނޑިއާމެދު ސަލާމަތީ ހިދްމަތްތަކުން ސުވާލު އުފައްދާ، އެ މެމްބަރުން މަޖިލީހަށް ވަނުމަށް ސަލާމަތީ ހިދްމަތްތަކުން ދަނީ ހުރަސް އަޅަމުންނެވެ.
މީގެއިތުރުން ސުވާލު އުފެދިފައިވާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ހުށަހަޅާފައިވާ މައްސަލައަށް މިއަދާ ހަމައަށް ވޯޓަށް އެހުމެއްނެތި މަސީހު ބޭނުންވެލައްވާ ގޮތަށް ސިފައި މެދުވެރިކޮށް ޖަލްސާތައް ގެންދަނީ ބާއްވަމުންނެވެ.