ބައެއް ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހްމަތުގައި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް ހަތް އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
އެސްޕީޖީގެ ބައެއް އޮފިސަރުން ބުނި ގޮތުގައި ހައްޔަރުކުރި ބައެއް މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޮޑީގާޑް އަހްމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް އުޅުނު ސިމާދު އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓާ އެސްޕީޖީގެ ސުޖާއު އަދި އަފްޒާން އެވެ.
ހައްޔަރުކޮށްފައި ތިބި އަނެއް ތިން އޮފިސަރުންގެ ނަމެއް އަދި ނޭނގެ އެވެ.
ސިފައިން ހައްޔަރުކުރަމުން މިދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓް އަސްކަރިއްޔާއިން ހިސޯރު ކުުރުމަށް ފަހު އެވެ.
ހައްޔަރުކޮށްފައިވާ ސިފައިންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
އެސްޕީޖީގައި ކުރިން މަސައްކަތްކުރުމަށް ފަހު، މި ސަރުކާރުގެ އިސްވެރިންގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ ހަތް މީހުން ވެސް ބައިތިއްބައިފައި ތިބީ ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ކ. އަތޮޅު ގިރިފުށީގަ އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ މީހުން ތިބީ އެކަހެރިކޮށްފައި. ފޯނުން މުއާމަލާތެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ހައްޔަރުކޮށްފައިވާ ސިފައިންގެ އޮފިސަރުންނާ ބެހޭ ގޮތުން، އެމްއެންޑީއެފުން އެ އާއިލާތަކަށް މައުލޫމާތު ދީފައިވަނީ ހައްޔަރުނުކުރާ ކަމަށާ ތިބީ "ޑިއުޓީ"ގައި ކަމަށެވެ. ނަމަވެސް އާއިލާއަށް ވެސް އެ މީހުންނާ މުއާމަލާތެއް ނުކުރެވެ އެވެ.