ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން މާލޭގެ ގިނަ ރައްޔިތުންތަކެއް ބޭނުން ކުރާ ބީއެމްއެލް ސްވިމިންގ ޓްރެކް ސަރަހައްދު ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ.
މި ހަރަކާތް ބީއެމްއެލް އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 14:00 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައި ވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި ޑައިވް ޑެސްކް ގުޅިގެންނެވެ.
މީގެ އިތުރުން މި ހަރަކާތުގައި ބޭންކުގެ މުވައްޒަފުން ވެސް ޑައިވަރުންގެ ގޮތުގައި ބައިވެރިވިއެވެ.
މި ހަރަކާތުގައި ވަނީ 50 ދަޅާއި 492 ޕްލާސްޓިކް ފުޅި އާއި 310 ޕްލާސްޓިކް ކޮތަޅާއި ބިއްލޫރި އަދި ލަކުޑި ފަދަ ސާމާނު މޫދުން ނަގާފައެވެ. އަދި ޕްލާސްޓިކް ސާމާނުތަކުގެ ބަރުދަން 70 ކިލޯ އަށް އަރާއިރު އެހެން ސާމާނުތަކަށް 180 ކިލޯ އަށް އަރައެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނިން މި ހަރަކާތް ކުރިއަށް ގެންދިޔަ މަގްސަދަކީ ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި ކުޑަ ކުދިން ބޭނުންކުރާ ތަނަކަށް ވެފައި އެ ސަރަހައްދު ސާފުކޮށް، ރީތިކޮށް، މުޖުތަމައުއަށް ބޭނުންތެރި ގޮތަކަށް ބޭއްވުމަށް ކަމަށެވެ.
އަހަރެންގެ ބޭންކް ޕްރޮގްރާމްގެ ދަށުން ބީއެމްއެލް އިން އަންނަނީ މި މަހުގެ ކޮންމެ ދުވަހަކު ވެސް މުޖުތަމައަށް ފައިދާކުރުވަނިވި ޚާއްސަ ހަރަކާތެއް ބާއްވަމުންނެވެ.