ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 09:46
ފަލަސްތީނުގެ އިރުމަތީ ޤުދުސް
ފަލަސްތީނުގެ އިރުމަތީ ޤުދުސް
ރޮއިޓަރސް
ޤުދުސްގެ މައްސަލަ
ޤުދުސްގައި ގާއިމް ކުރާ އެމްބަސީ މެއި މަހު ހުޅުވާނެ: އެމެރިކާ
ޤުދުސް އަށް އެމްބަސީ ބަދަލު ކުރުމަކީ ތާރީޚީ ފިޔަވަޅެއް: އެމެރިކާ
މެއި މަހުގެ 14 ވަނަ ދުވަހަކީ އިޒްރޭލުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، މެއި މަހުގެ 15 ވަނަ ދުވަހަކީ ފަލަސްތީނުގައި މުސީބާތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ "ނަކްބާ ދުވަސް"
އެމެރިކާގެ ނައިބު ރައީސް ޕެންސް ވަނީ އައު އެމްބަސީ ހުޅުވާނީ އަންނަ އަހަރު ކަމަށް މީގެ ކުރިން ވިދާޅުވެފަ

އިޒްރޭލުގެ ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސް އަށް ބަދަލުކޮށް، އަންނަ މެއި މަހުގެ ތެރޭގައި އައު އެމްބަސީ ހުޅުވާނެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސް އަށް ބަދަލު ކުރުމަކީ ތާރީޚީ ފިޔަވަޅެއް ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ މި ނިންމުމާއެކު، އެމެރިކާގެ އެމްބަސީ ބަދަލު ކުރުމުގެ މަސައްކަތް ކުރިން ލަފާކުރި ތާރީޚަށް ވުރެ އަވަސް ވެގެންދާނެ އެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މިދިޔަ ޖެނުއަރީ މަހު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސް އަށް އަންނަ އަހަރު ބަދަލު ކުރާނެކަން ހާމަކޮށްފައެވެ.

ޤުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުގެ ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސް އަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ދެކޮޅަށް ފަލަސްތީނާއި، ދުނިޔޭގެ އެކި ގައުމުތަކުގެ މުސްލިމުން އަޑު އުފުލާފައިވެއެވެ.

އެމެރިކާގެ މި ނިންމުމާއި ގުޅިގެން ފަލަސްތީނުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ، ބައެއް މީހުން މަރުވެފައިވެއެވެ.

މީގެ އިތުރުން މެއި މަހު ޤުދުސްގައި އެމްބަސީ ހުޅުވުމަށް އެމެރިކާ އިން ނިންމި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން އިތުރަށް ރުޅި އެރުވުމުގެ ނިޔަތުގައި ނިންމި ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އިޒްރޭލުން ފަލަސްތީނަށް ވެރިވެގަތުމުގެ ތެރޭގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހުނު ހިތްދަތި ކަމުގެ ހަނދާނުގައި ފަލަސްތީނުގެ ރައްޔިތުން ފާހަގަ ކުރާ ނަކްބާ ނުވަތަ މުސީބާތުގެ ދުވަހަކީ މެއި މަހުގެ 15 ވަނަ ދުވަހެވެ.

1947 ވަނަ އަހަރާއި 1949 ވަނަ އަހަރާއި ދެމެދު ފަލަސްތީނުގެ 1.9 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ހަތްލައްކަ ފަންސާސް ހާސް ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ، އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހިފައިވެއެވެ،

އޭއެފްޕީ އާ ވާހަކަ ދައްކަމުން ފަލަސްތީނުގެ އޮފިޝަލަކު ބުނީ، އެ ނިންމުމަކީ އަރަބިން ރުޅިއެރުވުމަށް ނިންމި ނިންމުމެއް ކަމަށާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް ނިންމުމެއް ކަމަށެވެ.

ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ޞާއިބް ޢުރައިޤާތު ވިދާޅުވީ، މިކަމުގެ ނަތީޖާ އަކީ ދެ ދައުލަތުގެ ޙައްލު ނެތި ކޮށްލުން ކަމަށެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ފަހު އިޒްރޭލުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ 1948 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހެވެ.

އެމެރިކާގެ މިނިންމުމާއި ގުޅިގެން އިޒްރޭލުގެ ޖާސޫސީ ވަޒީރު އިޒްރައިލް ކާޓްޒް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ޝުކުރު އަދާ ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ، މިއަށްވުރެ ބޮޑު ހަދިޔާއެއް ނުއޮންނާނެ ކަމަށާއި، މިއީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރި ނިންމުން ކަމަށެވެ.

އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަންނަ މެއި މަހު ޤުދުސް އަށް ބަދަލު ކުރުމަށް ފަހު، މެއި މަހުގެ ތެރޭގައި އައު އެމްބަސީ ހުޅުވާނެކަން އެމެރިކާގެ ޚާރިޖިއްޔާ އިން އިޢުލާން ކުރި ނަމަވެސް، ޤުދުސްގައި އައު އެމްބަސީ ގާއިމް ކުރާނެ ތަނަކާއިގުޅޭ އިތުރު ތަފްސީލް ހާމަވެފައެއްނުވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް