ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފުލުހުން ހައްޔަރުކޮށްފިއެވެ.
މަހްލޫފް ހައްޔަރުކޮށްފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. މަހްލޫފް މިހާރު ވަނީ ލޯންޗަކަށް އަރުވައިގެން ގެންގޮސްފައެވެ.
މިރޭގެ މުޒާހަރާގައި ފުލުހުން ވަނީ އެހެން ރޭތަކާ ހިލާފަށް މުޒާހަރާ ރޫޅާލުމުގައި ގިނަ އިންޒާރުތަކެއް ދީ ހަރުކަށި ގޮތަކަށް ހަރަކާތްތެރިވެފައެވެ. އަދި ފުލުހުން ވަނީ މީޑިއާތައް ވެސް އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ.
ފުލުހުން ވަނީ މިރޭގެ މުޒާހަރާގައި ބައިވެރިންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ވެސް ޖަހާފައެވެ. މީގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތިން މަހްލޫފް ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހަކަށް އައިސް ފުލުސް އޮފީހަށް ގެންދިއުމަށް ފަހު މަހްލޫފް ދޫކޮށްލައެވެ.