ބްރޯޑްކާސްޓް މެދުކަނޑާލި ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެޓީވީ 2،000ރ. އިން ޖޫރިމަނާ ކޮށްފިއެވެ.
ރާއްޖެޓީވީ އަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ފައިސާ މާރޗް 20 ވަނަ ދުވަހުގެ މެންދުރު 12.00ގެ ކުރިން އެ ކޮމިޝަނަށް ދެއްކުމަށް އެދޭ ކަމަށެވެ.
ރާއްޖެ ޓީވީގެ ބްރޯޑްކާސްޓް މެދުކަނޑާލި ކަމަށް ބުނެ ޖޫރިމަނާކުރި އިރު ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް މެދުކަނޑާލާފައެއް ނުވެއެވެ. ރާއްޖެ ޓީވީން މެދުކަނޑާލީ އާންމު ކޮންޓެންޓެވެ. އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ ރާއްޖެޓީވީ އަށް ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީއެވެ.
އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން ރާއްޖެޓީވީ އިން މެދުކަނޑާލީ ފެބްރުއަރީ 8، 2018 ވީ ބުރާސްފަތި ދުވަހުގެ ރޭ 10:45 އިން ފެށިގެންނެވެ.
މިކަމާ ގުޅިގެން ރާއްޖެ ޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ، ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް ދެއްކުން މެދުކަނޑާލުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ތަފާތު އެކި މައްސަލަތަކުގައި 1.7 މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައެވެ.