ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ޓެކްސްއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމަށް ނިންމައިފިއެވެ.
މީރާ އިން ބުނީ މި ފުރުސަތުގައި ޓެކްސްއާ ބެހޭ އެއްވެސް ސުވާލެއް އޮތް ކަމުގައިވާނަމަ މީރާގެ ޓެކްސް އޮފިސަރުންނާ ސުވާލުކުރުމަށް އެދޭ ކަމަށެވެ.
މީރާގެ ދަތުރު ރޭވިފައިވާ ގޮތް:
- 24-26 ފެބްރުއަރީ – ގދ. ފިޔޯރީ
- 24-26 ފެބްރުއަރީ – ހދ. ނެއްލައިދޫ
- 25-27 ފެބްރުއަރީ – ށ. ހުޅުމީދޫ
- 26-28 ފެބްރުއަރީ – ހއ. އުލިގަމު
- 27-28 ފެބްރުއަރީ – ހދ. ކުރިނބީ
- 1-2 މާރޗް – ހއ. އިހަވަންދޫ
މީރާއިން މިފަދަ ދަތުރެއް ކުރުމަށް ނިންމާފައިވާއިރު، އެ އޮތޯރިޓީން މީގެ ކުރިންވެސް ވަނީ އަތޮލު ތެރޭގައި ވިޔަފާރިކުރާ ފަރާތްތަކާއި، އާންމުން ހޭލުންތެރިކުރުމަށް މިފަދަ ދަތުރުތައްކޮށް ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.
މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 2.2 ބިލިއަން ރުފިޔާ ލިބިފައެވެ. މީރާއަށް ލިބިފައިވާ 2.2 ބިލިއަން ރުފިޔާއަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 0.02 ޕަސެންޓް ކުރިއެރުމެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާ އިން އަންދާޒާ ކުރި މިންވަރަށް ވުރެ 10.7 ޕަސެންޓް އިތުރު އަދަދެކެވެ.