ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާ ކަމަށް ގެސްޓް ހައުސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެ އެސޯޝިއޭޝަން އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖެއަށް އައުމަށް ފަތުރުވެރިން ހަދާފައިވާ ވަރަށް ގިނަ އަދަދެއްގެ ރިޒަވޭޝަންތައް ކެންސަލް ވަމުންދާތީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިޞާދަށް ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުންދާ ކަމަށާއި މަޖިލީހުގެ މަދު މެމްބަރުން ނިންމަވާފައިވާ ނިންމުން ބާތިލު ކޮށްދެއްވައި ދުނިޔޭގެ ޤައުމުތަކަށް އަންގަވައި ދެއްވައި، ކުއްލި ނުރައްކަލުގެ ހާލަތު ނިމިފައިވާކަން އެފަރާތްތަކަށް ވީހާވެސް އަވަހަކަށް ކަށަވަރު ކޮށްދެއްވުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
ދިވެހިރާއްޖެ އަށް ފަތުރުވެރިން ނުދިއުމަށް ބާރުއަޅައި، ޓްރަވެލް އެޑްވައިޒަރީތައް ނެރެފައިވާ ޤައުމުތަކަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކެއް ކަންވެސް އެ ބަޔާނުގައިވެއެވެ. އެގޮތުން ޗައިނާ، އިންޑިޔާ، އިނގިރޭސީ ވިލާތު، ރަޝިޔާ، އެމެރިކާ، ކެނަޑާ، ޖަޕާން، އޮސްޓްރޭލިޔާ، ނިއުޒިލަންޑް، އައެލަންޑް، ސިންގަޕޫރު، ފްރާންސް އާއި ޖަރުމަން ފަދަ އެތައް ޤައުމުތަކެއް ހިމެނެއެވެ.
ފެށިގެން މިދަނީ ޗައިނީސް އާ އަހަރު ބަންދު ދުވަސްތައް ކަމަށް ވެފައި، ރާއްޖެ އަށް މި ސީޒަނުގައި އާދަޔާ ޚިލާފަށް ގިނައިން ޗައިނީސް ފަތުރުވެރިން އައުމަށް ބުކިން ހަދާފައިވާއިރު، ޗައިނާއިން ރާއްޖެއަށް އެއްވެސް ވަރަކަށް ފަތުރުވެރިން ނުދިޔުމަށް އަންގާފައިވާތީ، މިއީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް ލިބިގެން ދާނެ އެންމެ ބޮޑު ގެއްލުން ކަމުގައި ދެކޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ލިވްއަރ ބޯޑް އެސޯސިއޭޝަން އިން ނެރެފައިވާ ބަޔާނަށް ތާޢީދުކޮށް، ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ މަޓާޓޯ އާއި، މަޓީއިން ތަމްސީލް ކުރަމުންދާ ވިޔަފާރިތަކަށް ހައްޤަކާއި ނުލައި ލިބެމުންދާ ގެއްލުމާއި މެދު އިންތިހާއަށް ކަންބޮޑުވާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި 15 ފެބްރުއަރީ 2018 ގައި އިންޑަސްޓްރީއަށް ލިބެމުންދާ ގެއްލުން އާދޭހާއި އެކީ މިނިސްޓްރީ އޮފް ފިނޭންސާއި ހިއްސާކޮށް، އޭރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެދިފައިވާނެ ކަމަށް އެ އެސޯސިއޭޝަން އިން ބުންޏެވެ. ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށްޓަކައި ތިން ގުނައަށް މާކެޓިންގއަށް މަސައްކަތް ކޮށް ދިނުމަށް މި އެސޯސިއޭޝަނުންނާއި، އިންޑަސްޓްރީގެ ކަމާއި ބެހޭ ފަރާތްތަކުން މީޓިންގައި އެދިފައި ވީ ނަމަވެސް އެފަދަ މަސައްކަތެއް ސަރުކާރުން ކުރަމުންދާކަން އެނގިފައި ނުވާ ވާހަކަ ހިތާމައާއި އެކީ ވަނީ ފާހަގަކޮށްފައެވެ.
06 ފެބްރުއަރީ 2018 ގައި ޔޫކޭ ޓެލެގްރާފްގައި ފަތުރުވެރިންގެ ޚިޔާލު ހޯދުމަށް ނަގާފައިވާ ވޯޓުން ދައްކާ ގޮތުގައި، ރާއްޖެއަށް ދާން ބޭނުންވެފައިވާ 25 (ފަންސަވީސް) އިންސައްތަ (ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ) މީހުން ރާއްޖެ ނުދިޔުމަށް ނިންމަމުން ދަނީ ރާއްޖޭގައި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގަމުންދާތީ ކަމަށް އެ ސާރވޭއިން ދައްކާ ކަމަށް ވެސް ބަޔާނުގައިވެއެވެ. މިގޮތުން ރައްޔިތުންނަށާއި، ސިޔާސީ ފަރާތްތަކަށާއި، ކޯޓުތަކުގެ ޤާޒީންނަށް އެއްވެސް ހައްޤަކާއި ނުލައި ދެމުންދާ އަނިޔާތައް ފާހަގަކޮށް، ދުނިޔޭގެ އެތައް ހާސް އޮންލައިން ސައިޓްތަކުގައި ކުއްލި ހާލަތު ނެރުމާއި ގުޅިގެން މި ވާހަކަތައް ޝާއިރުކޮށްފައި ވާތީ، އަދި ބައެއް ނޫސްތަކުގައި އެކަންތައް ދައްކުވައިދޭ މަންޒަރުތައްވެސް ގެނެސް ދީފައިވާތީ، މި ކަންކަމާއި ދެކޮޅު ހަދައި، ރާއްޖެ އައުމަށް ބޭނުންވެފައިވާ އެތައްބަޔަކު ރާއްޖެ އައުމަށް އުޒުރުވެރިވާކަން ވަނީ ފާހަގަކޮށްފައެވެ.
މި ބަޔާން ނިންމާލަމުން އެ އެސޯސިއޭޝަން އިން ދިވެހިރައްޔިތުންނަށް ދެމުންދާ އިންސާނިއްޔަތާއި ޚިލާފު އަނިޔާތައް ކަމަށް އެފަރާތްތަކުން ފާހަގަ ކުރާ އަނިޔާތަކާއި ދެކޮޅަށް ދުނިޔޭގެ ރައްޔިތުން ތެދުވެ، ރާއްޖެ ދިޔުމަށް އިންކާރު ކުރަމުންދާތީ އާއި، މިހާރު މިއޮތް ހާލަތާއި ގުޅިގެން ރިޒަވޭޝަންތައް ކެންސަލް ކުރަމުންދާތީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ވަނީ ގޮވާލާފައެވެ.