ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން މިރޭ ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމައިފިއެވެ.
ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަން ކަށަވަރު ކޮށްދެއްވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ 12 މެމްބަރަކަށް ނުވަދެވޭ ގޮތަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވަން މެމްބަރުން ބޭނުންފުނުވާ ކަމަށާއި މިއަދު މި ޤައުމު ހިންގަމުންދަނީ ރައީސުލް ޖުމްހޫރީއްޔާ އަބްދﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ގަދަ ބާރުން ކަމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިރޭ ޖަލްސާ އޮންނަކަން ރަސްމީކޮށް މެންބަރުންނަށް އަދި އަންގާފައެއް ނުވެއެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގައުމުގެ ހާލަތު ބަޔާން ކޮށްދެއްވައި، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލް ޖުމްހޫރިއްޔާ އިއްވަވަންޖެހެއެވެ. މި ޖަލްސާ ބާއްވަން ޖެހެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުއެވެ.
މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. ނަމަވެސް މެންބަރުންނަށް އަންގައި ތައްޔާރުވަމުން ދަނިކޮށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ. ޖަލްސާ ކެންސަލް ކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ.
އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފަށާ ގޮތަށް ހަމަޖައްސާފައި މިވަނީ ކުއްލި ނުރައްކަލުގެ ގަރާރާ ގުޅޭ ގޮތުން ދައުރުން ބޭރުގައި ކަމަށް ބުނެ ދެ ޖަލްސާ ބޭއްވުމަށް ފަހުގައެވެ.