ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެދެފިއެވެ.
އެ އެސޯސިއޭޝަން އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމުން، ބުކިންގްތައް ކެންސަލްވެ، ރާއްޖޭގެ އޮކިއުޕެންސީ ރޭޓް އަށް އަސަރު ކުރާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން މީޑިއާތަކުން ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާއިރު، އަވަށްޓެރި ގިނަ ގައުމުތަކުން އެ ގައުމުގެ ރައްޔިތުން ރާއްޖެ ނައުމަށް އިލްތިމާސްކޮށް ޓްރެވަލް އެޑްވައިޒަރީތައް ވެސް ނެރެފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ ހޫނު މޫސުމަށް ރާއްޖެ އަންނަ ހަމަޖެހިފައިވާ ޗާޓަރު ފްލައިޓްތައްވެސް ކެންސަލް ވެފައިވާ ކަމަށް އެ އެސޯސިއޭޝަން އިން ބުންޏެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެސޯސިއޭޝަން އިން ބުންޏެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ނެދޭވޭ އަސަރުކުރަމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.