މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓެއް މާލޭގައި ވިއްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވާން ފަށައިފިއެވެ.
ރާއްޖޭގެ ދީނި އިލްމުވެރިއެއް ކަމަށްވާ ޝެއިހް އަލީ ޒައިދު ވެސް އިއްޔެ ފޭސްބުކްގައި ވަނީ މި ފޮޓޯތައް ހިއްސާކުރައްވާފައެވެ. ފުޅީގެ މަތީގައި "ނޮޓް ފޯ މުސްލިމް" ޖަހާފައިވާ" ލޭޑީސް ޗޮއިސް ބްރޭންޑްގެ "ޗިކަން ސްޕްރެޑް" ފުޅިތަކެއްގެ ފޮޓޯތައް ހިއްސާކުރައްވައި ކަމާ ބެހޭ ފަރާތްތަކުން އެ މައްސަލަ ބައްލަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ ޕްރޮޑަކްޓެއް ރާއްޖޭގައި ވިއްކަމުންދަނީ ކޮން އުސޫލަކުންތޯ ވެސް ވަނީ ސުވާލުކުރައްވާފައެވެ. އެއީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނެވިފައިވާ ކަމެއް ކަމަށް ޝެއިޚް ސްޓެޓަސްގައި ލިޔުއްވާފައި ވެއެވެ. ބެލެވޭ ގޮތުގައި އެއީ މާލޭގެ ފިހާރައެއްގެ ހަރުގަނޑުގައި ހުރި އެއްޗެހިތަކެކެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދަން މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބުދީފައެއް ނުވެއެވެ. ނަމަވެސް ޝައިޚް އަލީ ޒައިދުގެ ޕޯސްޓަށް ކުރައްވާފައިވާ ރިޕްލައިގައި ވިދާޅުވެފައި ވަނީ ކަސްޓަމުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ޗިކެން ސްޕްރެޑްއަކީ ޕާނާ އެކު ގިނަ ބަޔަކު ކާން ބޭނުންކުރާ ބާވަތެކެވެ. ސުޕަމާޓްތަކާއި ފިހާރަތަކުން އެ ޕްރޮޑަކްޓް ލިބެން ހުރެއެވެ.