ކ. މާލެ
|
21 ފެބްރުއަރީ 2018 | ބުދަ 07:45
ސަލާމަތީ މަޖިލީހުގައި ޢައްބާސް ވާހަކަ ދައްކަވަނީ
ސަލާމަތީ މަޖިލީހުގައި ޢައްބާސް ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އިސްރާއީލް ފަލަސްތީނު މައްސަލަ
ސުލްހައިގެ ވާހަކަތައް އަލުން ފަށަން މަޙްމޫދު ޢައްބާސް ގޮވާލައްވައިފި
ސަލާމަތީ މަޖިލީހުގައި އެންމެ ފަހުން ޢައްބާސް ވާހަކަ ދެއްކެވީ 2009 ވަނަ އަހަރު

ހުއްޓިފައިވާ ސުލްހައިގެ ވާހަކަތައް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ގޮވާލައްވައިފިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ ވާހަކަ ދައްކަން ފަލަސްތީނު އޮތީ ތައްޔާރަށް ކަމަށެވެ. އަދި ފަލަސްތީނު-އިސްރާއީލް މައްސަލައަށް ހައްލެއް އޮތީ ވާހަކަ ދައްކައިގެންކަން ފަލަސްތީނުން ޤަބޫލުކުރާ ކަމަށައި، ވާހަކަތަކަށް އެޤައުމުން ނުދާންވީ ސަބަބެއް ނެތް ކަމަށް ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވަނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ. ޢައްބާސް ވިދާޅުވީ އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަން ޖެހޭ މަސައްކަތްތައް އިތުރު ކުރައްވާނެ ކަމަށެވެ. ފަލަސްތީނަކީ މިހާރު އދ. ގެ ފުރިހަމަ މެމްބަރު ޤައުމެއް ނޫނެވެ. އެޤައުމަކީ އދ. ގެ ނަން-އޮބްޒަރވަރ ސްޓޭޓެކެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ 1948 ވަނަ އަހަރުން ފެށިގެން އދ. ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނާ އެއްކޮޅަށް 86 މައްސަލަ ނިންމާފައި ވީނަމަވެސް، އެއިން އެއްވެސް މައްސަލައެއްގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަށް އިސްރާއީލުން އިހްތިރާމްކޮށްފައި ނުވާ ކަމަށެވެ.

ޢައްބާސް ތުހުމަތުކުރެއްވި ގޮތުގައި އިސްރާއީލުން މަސައްކަތްކުރަނީ ބައިނަލްއަޤްވަމީ ޤާނޫނުތަކަށް ވުރެ މަތީގައި ތިބެ، ހަމައެކަނި އިސްރާއީލުގެ ދައުލަތެއް ފަލަސްތީނުގެ ބިމުގައި ޤާއިމްކުރުމަށެވެ.

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިއަހަރުގެ މެދުތެރޭގައި ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޢައްބާސް ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މެދުއިރުމަތީގެ މައްސަލައިގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުން ދިޔަ އެމެރިކާއަށް މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ހައްޤު ގެއްލިއްޖެކަމަށް ފަލަސްތީނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ފަލަސްތީނާއި އިސްރާއީލުން އިރުމަތީ ޤުދުސްގެ މިލްކުވެރިކަމަށް ދައުވާކުރަމުން ދަނިކޮށް އެމެރިކާއިން މިދިޔަ އަހަރު އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމާއި ގުޅިގެން ފަލަސްތީނުން ވަނީ އެމެރިކާ ވަކިކޮޅަކަށް ޖެހިފައިވާކަން ހާމަވާ ކަމަށް ބުނެ، ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އެމެރިކާއަށް އަދާނުކުރެވޭނެ ކަމަށް ބުނެފައެވެ.

ޢައްބާސްގެ ވާހަކަފުޅަށް ފަހު ދެން ސަލާމަތީ މަޖިލީހުގައި ވާހަކަ ދެއްކެވީ އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނީ ޑެނޮންއެވެ. ޑެނޮން ވިދާޅުވީ ޢައްބާހަކީ ފަލަސްތީނު-އިސްރާއީލް މައްސަލައިގެ ބައެއް ކަމަށާއި، އެމަނިކުފާނަކީ ހައްލުގެ ބައެއް ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތުގެ ސަޤާފަތެއް ޢައްބާސް އަށަގަންނަވަމުން ގެންދަވާ ކަމަށް ޑެނޮން ތުހުމަތުކުރެއްވިއެވެ. އެހެން ނަމަވެސް އޭރު ޢައްބާސް ވަނީ އެމަނިކުފާނުގެ ތަޤްރީރަށް ފަހު ސަލާމަތީ މަޖިލީހުގެ ހޯލު ދޫކުރައްވައި ވަޑައިގެންފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް