ހޯމަ ދުވަހާއި އަންގާރަ ދުވަހު ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދަށް ވަފާތެރި ސިފައިން ދިން ޙަމަލާތަކުގައި އެޤައުމުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ،
މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ސޫރިޔާގެ އިރުމަތީ ޣޫތާ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންނަން ކުރަމުންދާ ހަނގުރާމައިގައެވެ.
އަންގާރަ ދުވަހު ދިން ޙަމަލާތަކުގައި 106 މީހަކު މަރުވެފައިވާއިރު، މިއީ 2013ގެ ފަހުން ޖެހިޖެހިގެން ދެ ދުވަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު މަރުވި ފުރަތަަމަ ފަހަރު ކަމަށް ލަންޑަނުގައި ޤާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެއެވެ. ބައްޝާރުގެ ސިފައިން ވަނީ 2013 ވަނަ އަހަރު އިރުމަތީ ޣޫތާގައި ކެމިކަލް ހަމަލާއެއް ދީ އެތައް ސަތޭކަ ބަޔަކު މަރާފައެވެ.
ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އިރުމަތީ ޣޫތާއަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ހަ ހޮސްޕިޓަލަކަށް ހަަމަލާ ދީފައިވާއިރު، އޭގެ ތެރެއިން ތިން ހޮސްޕިޓަލެއްގެ ޚިދުމަތް ނުދެވޭވަރަށް ހަލާކުވެފައި ވާކަމަށް އދ. އިން ބުނެއެވެ. ސިފައިން ޙަމަލާދިން ހަ ހޮސްޕިޓަލެއްގެ ނަން އދ. އިން އާއްމުކުރި އިރު، ޑޮކްޓަރުންގެ ޖަމިއްޔާއަކުން ބުނާ ގޮތުގައި އިތުރު ހޮސްޕިޓަލަކަށް ވެސް ހަމަލާދިން ކަމަށާއި، އެތަން ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކަމަށެވެ.
ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ޣޫތާގައި ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، އެސަރަހައްދުގެ މީހުން ސިފަކުރާ ގޮތުގައި މިހާރު ޣޫތާ ވެސް އޮތީ ޙަލަބް އޮތް ޙާލަތުގައެވެ.
އެތައް ބަޔަކު މަރުވި މި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމް ވެސް ވިއެވެ. ހަަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އިތުރުވި މައިގަނޑު ސަބަބަކީ އާއްމުން އެއްވާ ތަންތަނަށް ސިފައިން ހަަމަލާދިނުން ކަމަށް ޣޫތާގައި ހަރަކާތްތެރިވާ ޑޮކްޓަރަކާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.
އާދިއްތަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި އިރުމަތީ ޣޫތާގައި ހަމަލާތައް ދެމުން ދާއިރު، ރިޕޯޓްތައް ބުނާ ގޮތުގައީ މިއީ އެރަށް ހިފުމަށް ސިފައިން ފަށާ އޮޕަރޭޝަންގެ ފެށުމެވެ.
އިރުމަތީ ޣޫތާއަކީ ދިމިޝްޤުގެ އިރުމަތިން މިވަގުތު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ހަމައެކަނި ސަރަހައްދެވެ. ހަނގުރާމަވެރިން އެސަރަހައްދު ހިފި ފަހުން 2013 ވަނަ އަހަރު ފަހުން ސޫރިޔާގެ ސިފައިން ތިބީ އެރަށް ވަށާލައި، ހިސާރުކޮށްގެންނެވެ. 4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އެސަރަހައްދުގެ ޙާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ސިފައިން ހިސާރުކޮށްގެން ތިބުމުގެ ސަބަބުން އެހީގެ ތަކެތި ވެސް އެސަރަހައްދަށް ފޮނުވުމަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.