ފުރަންގޮސް ހުރި ފަރާތެއް ފުރިޔަނުދީ ހުއްޓުވުމަށް އިމިގްރޭޝަން އޮފިސަރަކު ބޯޑިންގ ގޭޓަށް ގޮސް މަސައްކަތްކުރި ކަމަށް 18 ފެބްރުއަރީ 2018 ވަނަ ދުވަހު މިހާރު ނޫހުގައި ލިޔެފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަން އިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަނާއި ބެހޭގޮތުން ދޮގުވާހަކަ ފަތުރާ ބަދުނާމުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށެވެ. އެހެންކަމުން އެ ދެންނެވުނު ޚަބަރު އިމިގްރޭޝަންގެ ބަހެއް ނެތި ފަތުރަމުންދާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި އެ މުއައްސަސާ އިން މައްސަލަ ދިރާސާ ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އިމިގްރޭޝަން އޮފިސަރުންނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ބައެއް މީޑިއާތަކާއި އަދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުންވެސް އިމިގްރޭޝަން މުވައްޒަފުންނަށް ކިތަންމެ ބިރެއް ދެއްކި ކަމުގައިވީ ނަމަވެސް އެ މުވައްޒަފުންނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެއްވެސް ފަރާތެއް ރާއްޖެއިން ފުރުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ފަރާތެއް ފްލައިޓަށް ބޯޑުކޮށްފައިވީ ކަމުގައިވީ ނަމަވެސް އޮފްލޯޑްކޮށް ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވާނެ ކަމަށް ވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިމިގްރޭޝަންއާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުމުގައި އާންމު ރައްޔިތުން ބައިވެރިނުވުމަށް އެ މުއައްސަސާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.