ކްރިޓިކްސް ޗޮއިސް އެވޯޑްއަށް އާކްގެ 'ހެލްތީ އީޓިންގ އެންޑް އެކްޓިވް ލައިފްސްޓައިލް "ހީލް" ކެމްޕޭނުގެ "ރީތިންކް ޔޯރ ޑްރިންކް – ޓްރެފިކް ލައިޓްސް" ވީޑިއޯ ހޮވިއްޖެއެވެ.
ކްރިޓިކްސް ޗޮއިސް އަކީ އޮސްޓްރޭލިޔާގެ ސިއްޙީ ކަންކަމާއި ބެހޭ 18 ކޮމިޔުނިޓީ އޯރގަނައިޒޭޝަންނަކުން އިސްނަގައިން ހިންގަމުންދާ ރީތިންކް ޝުގަރީ ޑްރިންކްސް ނަމަކަށް ކިޔާ ހަރަކާތެކެވެ. މި ހަރަކާތުގެ އަމާޒަކީ ހަކުރުގެ ބާވަތްތައް ގިނައިން އެކުލެވޭ ބުއިންތައް ބުއިން މަދުކޮށް ،އާދައިގެ ކިރު ޚިޔާރުކޮށް ގިނައިން ފެން ބުއިމަށް ބާރުއެޅުމެވެ. ކްރިޓިކްސް ޗޮއިސްއަށް މުޅި ދުނިޔެއިން ހޮވާލެވިފައިވާ ނުވަ ވީޑިއޯ އޮސްޓްރޭލިޔާގެ ހުރިހާ ސްކޫލްތަކެއްގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ. މިހަރަކާތުގެ ބޭނުމަކީ ހަކުރު ގިނައިން އެކުލެވޭ ނުވަތަ ސިއްހަތައް ގެއްލުން ލިބޭ ބުއިންތަކުން ސިއްހީ ގޮތުން ނުކުންނާނެ ނޭދެވޭ ނަތީޖާއާ މެދު ކުދިންގެ މެދުގައި ވާހަކަ ދެކެވި މަޝްވަރާ ކުރެވުމެވެ. މީގެ ނަތީޖާއެއް ގޮތުން ކުދިންގެ އަމިއްލަ ވިސްނުމުގެ މަތިން މިކަހަލަ ބުއިންތައް މަދުކުރެވިގެން ދިއުމަކީ މި ކެމްޕެއިންގެ މަގްސަދެކެވެ.
މި ހީލް ކެންޕެއިންގެ ވީޑިއޯ އަކީ ކުޑަކުދިންނަށް ސިއްހަތަށް ފައިދާ، އަދި ގެއްލުން ލިބޭ ބުއިންތައް ފަސޭހައިން ދެނެގަނެވޭ ގޮތަށް 'ޓްރެފިކް ލައިޓް' ކޮންސެޕްޓްއަކަށް ތައްޔާރު ކޮއްފައިވާ ވީޑިއޯއެކެވެ. އަދި މި ވީޑިއޯގައި ކުޑަކުދިން އެއްގޮތަކަށްވެސް ބޭނުންކުރަން ނުވާނެ ކެފެއިންގެ ބާވަތްތައް ހިމެނޭ ބުއިންތައް (ސައި، ކޮފީ، ކޯލާ، ނޫނީ އެނޭރޖީ ޑޮރިންކްސް) ފާހަގަކޮށް އަދި ހަކުރު އަޅާފައި ހުންނަ ބުއިންތައް (ފިޒީޑްރިންކްސް، ހަކުރު އެއްކޮށްފައި ހުންނަ މޭވާ ޖޫހުގެ ބާވަތްތަކާއި، ހަކުރާއި ކުލަ އަދި ރަހަ ލައްވާފައި ހުންނަ ކިރު) މަދުކުރުމަށް ނަސޭހަތްތެރިވެ ގިނައިން ފެންބުއިމަށާއި ހަކުރު، ކުލަ އަދި ރަހަ ނުލައްވާ ހުންނަ އާދައިގެ ކިރު ބުއިމަށް ހިތްވަރުދެއެވެ.
އާކް ގެ އުންމީދަކީ މިހަރަކާތް ކާމިޔާބު ކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކަށް ފުޅާވެ، މިކަމާ ދޭތެރޭ ހޭލުންތެރިކަން އިތުރުވެ އެފަދަ ސިއްޙަތައް ގެއްލުންހުރި ބުއިންތަކާއި ކުޑަކުދިންނާ އާއިލާތައް ދުރުވެ ސިއްޙަތަށް ފައިދާހުރި މަގު ހިޔާރު ކުރުމެވެ.