4ޖީ ސިމް އަދި ހެޔޮއަގުގައި 4ޖީ ފޯނު ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް ދިރާގުން ހޯމަ ދުވަހު ފަށައިފިއެވެ.
4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ މިހާރު ދިރާގު 2ޖީ އަދި 3ޖީ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް ހިލޭ 4ޖީ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާ ކަސްޓަމަރުންނަށް ދެ މަސްދުވަހަށް ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.
ދިރާގުގެ މަޤްސަދަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހިންގެ ދިރިއުޅުމަށް ފަހިކަމާއި ފާގަތި ގެނައުން ކަމަށް ވާތީ، މި ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ. އަދި މިގޮތަށް ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ހިމެނެއެވެ. ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއެވެ. އަދި ޕޯސްޓްޕެއިޑްގައި ބިލް ޑިސްކައުންޓް %40 އާއި %50 ދެމެދުން ލިބޭ އިރު ބައްލަވައިގަންނަވާ ކޮންމެ ފޯނަކަށް 2ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެއެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހިލޭ 2ޖީބީ ގެ ޑޭޓާގެ އިތުރުން ބައްލަވައިގަންނަވާ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެއެވެ.
ދިރާގުން ރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ މިފަދަ ޕްރޮމޯޝަންތައް ހިންގުމުގައި އަބަދު ވެސް ބަލަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ގެނުވައި އުފާވެރި މުސްތަގްބަލެއް ހޯދުމުގައި އެހީތެރިވެދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.