ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ ތަކުރާރުކޮށް ފެންނަ ސިފަތަކެއް ކަމަށް ޖުމްހޫރީ ޕާޓީން (ޖޭޕީ) ބުނެފިއެވެ.
އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރި އެއްވުން ގާނޫނާ ހިލާފަށް ރޫޅާލުމަށް ރައީސް ޔާމީންގެ ސަރުކާރުން އަނިޔާވެރިކަން އިސްކޮށްފައިވާތީ ޖޭޕީގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވުމުގައި ބައިވެރިވި ރައްޔިތުންނަށް އަނިޔާކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ރަހުމް ކުޑަކަމާއި ދިވެހި ރައްޔިތުންނަށް އެއްވެސް ގަދަރެއް އިހްތުރާމެއް ނުކުރާކަމުގެ ހެއްކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އަޅުމަށް ހުރި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވާ ތަހުގީގުތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ބިރު ދެއްކުމާއި އަނިޔާވެރިކަން އާންމުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެއްވުމުގައި އެހާ ގިނަ އަދެދެއްގެ ރައްޔިތުން އެކި ކަންކޮޅުތަކުން ބައިވެރިވުމުން ދޭހަކޮށްދެނީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރާމެދު ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން ގޮސްފައިވާ ހިސާބު ކަމަށާއި ރައީސް ޔާމީން އަށް ނޫނެކޭ ބުނުމަށް ރައްޔިތުން ކެތް މަދުވެފައި ތިބި މިންވަރު ކަމަށްވެސް ބަޔާނުގައިވެއެވެ.