ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ޕޮލިސް ހެޑް ކުއާޓާޒް އަށް ހާޒިރުކުރެވުނު އިރުވެސް އަނިޔާ ކޮށްފައިވާ ކަމަށް ޤާނޫނީ ވަކީލު މަޙްފޫޒް ސަޢީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ މަހްފޫޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން ޕޮލިސް ހެޑް ކުއާޓާޒް އަށް ހާޒިރުކުރެވުނު އިރުވެސް ހަމަ ހޭ ނެތް ކަމަށާއި ވަކީލުން ތަކުރާރުކޮށް އެދުމުންވެސް ހުސެއިން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެތައް އިރެއް ފަހުން "މަތިން އޯޑަރު" ލިބުމުން ކަމަށެވެ.
RaajjeTV ge noosveriya Hussain Hassan Police HQ ah haaziru kurevunu iru vanee aniya koffa. hama heyeh neh. Vakeelun thakuraarukoh edhumun ves Hospital ah gengosdhinee ethah ireh fahun “mathin huhdha libumun”
— Mahfooz Saeed (@MahfuzSayd) February 16, 2018
ރާއްޖެޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ހުސެންއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ހޮސްޕިޓަލުން ދޫކޮށްލުމުން، ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ފަށާނެ ކަމަށެވެ. ފުލުހުން ކައިރީ ހުސެއިން ހައްޔަރުކުރަނީ ކޮން ތުހުމަތެއްގައިތޯ ސުވާލު ކުރުމުން ޖަވާބުދާރީ ނުވެވޭ ކަމަށް ފިޔާޒު ވިދާޅުވިއެވެ. އަދި ހުސެއިން ހައްޔަރުކުރުމަށް "މަތިން އޯޑަރު" އައިސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުސެއިންއަށް ލިބިފައިވާ އަނިޔާގެ ތަފްސީލުތައް ލިބިފައިނުވާއިރު ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ވަނީ ނޭވާލާން އުނދަގޫވެ މީހާ އެއްކޮށް އައްސިވެފައެވެ.
ފުލުހުން ހުސެއިން ހައްޔަރުކޮށްފައިވަނީ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަނިކޮށެވެ.
ފުލުހުން ވަނީ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ގަސްތުގައި އަނިޔާކޮށްފަ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.