ފުލުހުން ބާރުގެ ބޭނުންކުރުމުގެ ޤަވައިދާ ކަނޑައެޅިގެން ޚިލާފަށް ޕެޕަސްޕްރޭ ޖަހައި ބޫޓުން ތެޅުމާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ނޫސްވެރިންނަށް އަމާޒުކޮށްގެން އަނިޔާކުރުން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން ހުކުރު ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އާއި ވީޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހު ހަވީރު މުޅި ދިވެހިރާއްޖޭގައި ކުރިއަށްދިޔަ އިހްތިޖާޖު ނުވެސް ފެށެނީސް މީހުން ހައްޔަރުކޮށް، ވަކިން ޚާއްސަކޮށް ނޫސްވެރިންނަށް އަމާޒުކޮށްގެން ޙަމަލާތައް ފުލުހުން ދެމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ. އަދި ނޫސްވެރިންނަށް އަނިޔާ ލިބި، ދެ ނޫސްވެރިޔަކަށް ހޮސްޕިޓަލުގައި ފަރުވާން ދޭން ޖެހިފައިވާ ކަމަށެވެ.
ނޫސްވެރިންގެ ފާހަށް ބެލުމެއް ނެތި، އިހްތިޖާޖު ކަވަރު ކުރަމުން އަންނަ ނޫސްވެރިނަށް ހުރަސް އަޅަމުން އަންނާތީ ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަގުމަތިން ނޫސްވެރިން ފަހާ ދުވެ، ނޫސްވެރިން ފަހަތަށް ޖައްސައި ނޫސްވެރިންގެ ޒިންމާތަކަށް ހުރަސްއަޅަމުން ގެންދިއުމަކީ ޑިމޮކްރަސީގެ ރޫޙާ ޚިލާފް ޚުދުމުހުތާރު ޤައުމުތަކުގައި ހިނގާފަދަ ކަމެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
ޞުލްޙަވެރި އިހްތިޖާޖު އަނިޔާވެރިކޮށް ރޫޅާލުމުން އެކި އުމުރުގެ އެކި މީހުންނަށް އަނިޔާ ލިބިފައިވާކަން ވެސް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ މީހުންގެ ލޮލަށާއި، އަނގައިގެ ތެރެއަށް ޕެޕަސްޕްރޭ ޖެހުމުން ނޭވާލުމަށް އުނދަގޫވެ އެތައް ބަޔަކަށް ފަރުވާ ދޭން ޖެހުނު ކަމަށާއި ފުލުހަކު މުޒާހަރާގެ ބައިވެރިއެއްގެ އަތް ބާރަށް އަނބުރާލުމުގެ ސަބަބުން އޭނާގެ އަތް ބިންދައިގެންގޮސް އޭނާއަށް ފަރުވާދޭން ޖެހިފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އާންމު ރައްޔިތުންގެ މެދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ޒިންމާ ޤާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާހިނދު، އެ މަސައްކަތަށް ފުލުހުން ހުރަސް އެޅުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި ނޫސްވެރިންނަށާއި އާންމު ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލައި، ޤާނޫނީ ހަމަތަކުގެ މަތީން ފުލުހުން ޢަމަލުކުރުމަށް ތަކުރާރުކޮށް ވަނީ އިލްތިމާސް ކޮށްފައެވެ.