ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 10:57
އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގެ ޗެއަރމަން ސްޓީވް ބެނަން
އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގެ ޗެއަރމަން ސްޓީވް ބެނަން
އީޕީއޭ
އެމެރިކާގެ ރިޔާސީ އިންތިހާބު
އެމެރިކާގެ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި ސްޓީވް ބެނަންއާ ސުވާލުކޮށްފި
މި ހަފްތާގެ ތެރޭގައި ދެ ދުވަހެއްގެ މަތިން ބެނަން ތަހުގީގަށް ހާޒިރުކޮށްފައިވޭ
ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގައި ގާތްގަނޑަކަށް 20 ގަޑިއިރު ބެނަން ހޭދަކުރެއްވި
ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބެނަން ވަނީ މިދިޔަ އޯގަސްޓް މަހު ވައިޓް ހައުސްގެ ވަޒީފާ އިން އިސްތިއުފާ ދެއްވާފައި

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ހިންގާ ތަހުގީގަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ޗީފް ސްޓްރެޓީޖިސްޓް ސްޓީވް ބެނަން ހާޒިރުކޮށް، ސުވާލުކޮށްފިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބެނަންއާ ސުވާލުކޮށްފައި ވަނީ މިހަފްތާގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ރޮބަޓް މުއެލާ ހިންގަވާ ތަހުގީގަށް މިހަފްތާގެ ތެރޭގައި ދެ ދުވަހެއްގެ މަތިން ބެނަން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު ވައިޓް ހައުސްގެ އިސް އޮފިޝަލަކަށް ވެވަޑައިގެންނެވުމުގެ ކުރިން ބެނަންއަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގެ ޗެއަރމަނެވެ.

އެހެންނަމަވެސް، ޓްރަމްޕާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، އޭނާ ވަނީ މިދިޔަ އޯގަސްޓް މަހު ރިޔާސީ ގަނޑުވަރުގައި އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ބެނަންގެ އިތުރުން ޓްރަމްޕްގެ އަރިސް އިތުރު ބޭފުޅުންތަކެއް ވެސް، އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި މަގާމުން އިސްތިއުފާ ދެއްވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާ ގުޅިގެން މުއެލާ ހިންގަވާ ތަހުގީގަކީ، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޓްރަމްޕްގެ ކެމްޕެއިން ޓީމުން ރަޝިއާގެ އެހީތެރިކަން ހޯއްދެވުމާއި، ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ހިންގަވާ ތަހުގީގެކެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަތައް ޓްރަމްޕް އަދި ރަޝިއާ އިން ވެސް ދޮގު ކުރެއެވެ.

ތަހުގީގު ޓީމުން ގަބޫލް ކުރާ ގޮތުގައި ބެނަންއަކީ ޓްރަމްޕްގެ ސަރުކާރާ ގުޅޭ ގޮތުން ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާނެ ބޭފުޅެކެވެ. އޭގެ ތެރޭގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޮމޭ މަގާމުން ވަކި ކުރެއްވުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމާ ގުޅޭ ތަފްސީލްތައް ހިމެނެއެވެ.

ކޮމޭ މީގެ ކުރިން ވަނީ، އޭނާ މަގާމުން ވަކި ކުރުމަށް ޓްރަމްޕް ނިންމެވީ މިމައްސަލައިގެ ތަހުގީގު އަނބުރާލެއްވުމަށް ކަމާ މެދު ޝައްކެތް ނެތް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވައިޓް ހައުސް އިން އެކަން ދޮގު ކުރެއެވެ.

މި ތަގުހީގުގައި ބެނަންއާ ކުރެވުނު ސުވާލުތައް ސާފުވެފައި ނުވި ނަމަވެސް، ތަހުގީގު ޓީމުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބެނަން، ވިއްސަކަށް ގަޑިއިރު ހޭދަކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަހުގީގުގެ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ވަނީ، ބެނަން އަށް ކުރިމަތި ކުރުވި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައި ވާކަމަށް ރިޕޯޓްކޮށްފައެވެ.

މިމައްސަލައާ ގުޅުން ހުރި އިތުރު ހަތަރު ތަހުގީގެއް ސިޔާސީ ފަރާތްތަކާއި އެމެރިކާގެ ކޮންގްރެސް އިން ކުރިއަށް ގެންދާއިރު، ބެނަން ވަނީ އޭގެ ތެރެއިން ހައުސްގެ އިންޓެލިޖެންސް ކޮމިޓީ އިން ހިންގާ ތަހުގީގަށް ބުރާސްފަތި ދުވަހު ހާޒިރުކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް