ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 09:16
ދެކުނު އެފްރިކާގެ އާ ރައީސް ސިރިލް ރަމަޕޯސާ، މަގާމުގެ ހުވާ ކުރައްވަނީ
ދެކުނު އެފްރިކާގެ އާ ރައީސް ސިރިލް ރަމަޕޯސާ، މަގާމުގެ ހުވާ ކުރައްވަނީ
ރޮއިޓަރސް
ދެކުނު އެފްރިކާ
ދެކުނު އެފްރިކާގެ އާ ރައީސް ސިރިލް ރަމަޕޯސާ، ވެރިކަމުގެ ހުވާ ކުރައްވައިފި
ރަމަޕޯސާ މަގާމުގެ ހުވާ ކުރެއްވީ، ޒޫމާ މަގާމުން އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް
ރަމަޕޯސާ ކުރިން ވަނީ ކުރީގެ ރައީސް ޒޫމާގެ ނާއިބުގެ މަގާމު ފުރުއްވާފައި
ރަމަޕޯސާއަކީ ޤާނޫނު ހަދާ މަޖިލީހުން އެމަގާމަށް ނޮމިނޭޓް ކުރި ހަމައެކަނި ކެންޑިޑޭޓް

ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވި ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާގެ ބަދަލުގައި އެގައުމުގެ އާ ރައީސްގެ މަގާމަށް އައްޔަން ކުރި ސިރިލް ރަމަޕޯސާ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ދެކުނު އެފްރިކާގެ ރައީސްގެ މަގާމުން ޒޫމާ އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ނުވަނީސް ރަމަޕޯސާ މަގާމުގެ ހުވާ ކުރެއްވިއިރު، އެމަގާމަށް ރަމަޕޯސާ އައްޔަން ކުރައްވާފައި ވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.

އުމުރުފުޅުން 65 އަހަރުގެ ރަމަޕޯސާއަކީ، ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ އަގުބަލިއްޔަތު އޮންނަ ޤާނޫނު ހަދާ މަޖިލީހުން ރައީސް ކަމަށް ނޮމިނޭޓް ކުރި ހަމައެކަނި ކެންޑިޑޭޓެވެ.

ޒޫމާގެ ވެރިކަމުގައި ނާއިބު ރައީސްގެ މަގާމު އަދާކުރެއްވި ރަމަޕޯސާ އަށް ރުހުން ދިނުމަށް ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ދެކުނު އެފްރިކާގެ އިދިކޮޅު މައި ދެ ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އަދި އިކޮނޮމިކް ފްރީޑަމް ފައިޓަރސް (އީއެފްއެފް) އިން އޭނާ އަށް ވޯޓު ދީފައެއް ނުވެއެވެ. އީއެފްއެފްގެ ބައެއް މެމްބަރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނެގި ވަގުތު މަޖިލިސް ދޫކުރައްވާ ވަޑައިގެންފައެވެ.

ޒޫމާ ސަލާމަތް ކުރުމަށް ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އަދި އެޕާޓީގެ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ޤާނޫނު ހަދާ މަޖިލިސް އުވާލައި އާ އިންތިޚާބެއް ބޭއްވުމަށް އީއެފްއެފް އިން ގޮވާލާފައިވެއެވެ.

ރަމަޕޯސާގެ ފުރަތަމަ ރިޔާސީ ޚިތާބުގައި އޭނާ ވަނީ، ޒޫމާގެ ރިޔާސަތުގައި އެގައުމުގައި ފުޅާވެގެންދިޔަ ކޮރަޕްޝަންގެ މައްސަލަތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވިއެވެ.

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ޤާނޫނު ހަދާ މަޖިލީހުގައި ދެއްވި ޚިތާބު ނިންމަވާލައްވަމުން ރަމަޕޯސާ ވަނީ، ދެކުނު އެފްރިކާގެ ރައްޔިތުން މާޔުސްވިޔަ ނުދިނުމަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ދެކުނު އެފްރިކާގެ ރިޔާސީ އިންތިޚާބު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިދައުރުގެ ބާކީ އޮތް ދުވަސް ކޮޅުގައި އެގައުމުން ކޮރަޕްޝަން ހުއްޓުވުމަށް އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރަމަޕޯސާ ވިދާޅުވިއެވެ.

ނުވަ އަހަރަށް ފަހު ދެކުނު އެފްރިކާގެ ރައީސް ކަމުން ބުދަ ދުވަހު ޒޫމާ އިސްތިއުފާ ދެއްވިއިރު، އިސްތިއުފާ ދެއްވުމަށް ނުވަތަ އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލެއްވުމަށް ޒޫމާ އަށް ހުށަހެޅީ ވެސް ވެރިކަން ކުރާ އޭއެންސީ އިންނެވެ.

ޒޫމާގެ މައްޗަށް ކޮރަޕްޝަންގެ އެތަކެއް ތުހުމަތެއް ކުރެވުނު ނަމަވެސް އޭނާ ވަނީ ވެރިކަމުގެ ދައުރުގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ޒޫމާގެ މައްޗަށް ކުރެވޭ އެއް ތުހުމަތަކީ ދެކުނު އެފްރިކާ އަށް ހިޖުރަކޮށްފައިވާ އިންޑިއާގެ މުއްސަނދި ގުޕްތާ އާއިލާ އަށް، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވި ކަމުގެ ތުހުމަތެވެ. ގުޕްތާ އާއިލާއަކީ ޒޫމާއާ ގާތް ގުޅުމެއް އޮންނަ އާއިލާ އެކެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް