ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 11:00
ޝޭރު ބަހާދުރު ދެއުބާ
ޝޭރު ބަހާދުރު ދެއުބާ
ޓައިމްސް އޮފް އިންޑިއާ
ނޭޕާލް
ނޭޕާލުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
ބޮޑު ވަޒީރުކަމަށް ދެން ވަޑައިގަންނަވާނީ ކުރީގެ ބޮޑުވަޒީރު އޮލީ

ކުރު މުއްދަތެއްގައި ވެރިކަން ކުރައްވައި، ކާމިޔާބު އިންތިޚާބުތަކެއް ބޭއްވެވުމަށް ފަހު ނޭޕާލުގެ ބޮޑުވަޒީރުކަމުން ޝޭރު ބަހާދުރު ދެއުބާ އިސްތިއުފާ ދެއްވައިފިއެވެ.

ނޭޕާލުގެ ރައީސް ބިދްޔާ ދޭވީ ބަންދާރީއަށް ދެއުބާގެ އިސްތިއުފާ ހުށަހަޅުއްވާފައި ވާއިރު، ބޮޑުވަޒީރުގެ މަޤާމަށް ދެން ވަޑައިގަންނަވަނީ ކުރިން ވެސް ބޮޑުވަޒީރުގެ މަޤާމު އަދާކުރައްވާފައިވާ ކޭޕީ. ޝަރުމާ އޮލީއެވެ. 

ދެއުބާ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި މިފަހަރު އެމަޤާމު އަދާކުރެއްވީ އަށް މަސްދުވަހުގެ މުއްދަތަކަށެވެ.

މީގެ ތިން މަހެއްހާ ދުވަސްކުރިން ނޭޕާލުގެ ފެޑެރަލް އަދި ޕްރޮވިންޝަލް އިންތިޚާބުތައް ބާއްވާފައިވާއިރު، ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އޮލީގެ ޕާޓީ އިންނެވެ. އެޕާޓީ އިން ވަނީ ކޮމިއުނިސްޓް ޕާޓީއާ އެކު ކޯލިޝަން ހަދާފައެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ސާބިތުކޮށްދީ، ސަރުކާރެއް އެކުލަވާލަން އޮލީއަށް ޖެހިވަޑައިގަންނަވާނެއެވެ. 

އޮލީގެ ކޯލިޝަނުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 174 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ 39 ގޮނޑި ވެސް ވަނީ ކާމިޔާބުކޮށްފައެވެ. 

އެ ދެ ޕާޓީ އިން މިހާރު ވެސް ގެންދަނީ ގުޅިގެން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންނެވެ. ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން އޮލީ ވަނީ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ޕުޝްޕާ ކަމާލް ދަހާލް ޕްރަޗަންދައާ އެކު ރައީސް ބަންދާރީއާ ބުރާސްފަތި ދުވަހުގެ ހެނދުނު ބައްދަލުކުރައްވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް