ޔުނައިޓަޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެ ގައުމުން އިލްތިމާސްކޮށްފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ރާއްޖޭގެ ހާލަތު ރަނގަޅު ވަންދެން، ރާއްޖެއަށް އައުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި މިވަގުތު ތިއްބެވި ޔޫއޭއީ ރައްޔިތުންނަށް އިލްތިމާސްކޮށް، އެ ގައުމުން ބުނެފައި ވަނީ ރައްކާތެރިކަމުގެ ގޮތުން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ރާއްޖޭގެ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންވުމަށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން 15 ދުވަހަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ހަ ގައުމަކުން ވެސް ވަނީ ރާއްޖެއަށް އައުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އެގޮތުން އިންޑިއާ، ސިންގަޕޫރް އާއި ޗައިނާ އާއި އެމެރިކާ އާއި ސައުދީ އާއި އިނގިރޭސީވިލާތުގެ އިތުރުން ކެނެޑާއިން ވެސް ވަނީ ރާއްޖެއަށް ފަތުރުވެރިން އައުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.