އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މިރޭ އާރަށަށް ގެންގޮސް މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މިރޭ އާރަށަށް ގެންގޮސް ބިރު ދައްކައި، ރިޓަޔަރމަންޓް ޕެކޭޖްއާއެކު އިސްތިއުފާ ދެއްވުމަށް ހުށަހަޅައި، މިހާރު ފުލުހުން ބަލަމުންދާ މައްސަލަތައް ބާތިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާ އަށް ލިބިފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއް ކަމުގައިވާނަމަ މިކަން ވަގުތުން ވަގުތަށް ހުއްޓުވުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ މުއައްސަސާއަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމު އާރަށަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިލައްވައިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެޓީވީއިން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އަށް ގުޅުމުން ވިދާޅުވީ ރާއްޖެޓީވީގެ ނޫސްވެރިންގެ ނަމުގައި ސިޔާސީ އެކްޓިވިސްޓުން އުޅުއްވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެއްވެސް މައުލޫމާތެއް ހިއްސާކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
މަހްލޫފް ވަނީ ރައީސް ޔާމީން އާއި މޭޖަރޖެނަރަލް ޝިޔާމު އާރަށަށް ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެ ދެ ފޮޓޯ ޓުވީޓް ކުރައްވާފައެވެ.
Yameen aai Shiyam Aarashah vadaigannavanee pic.twitter.com/XNcHqynfRv
— Ahmed Mahloof (@AhmedMahloof) February 13, 2018