އެއްވެސް ކުންފުންޏަކުން ހުއްދަ ނެތި ޢުމްރާއަށް މީހުން ނުގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން އަންގަރާ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީން ހުއްދަ ދީފައި ނުވާ ކުންފުނިތަކުގެ ހަވާލުގައި ޢުމްރާއަށް ދިޔުމުން ޢުމްރާވެރިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށާއި މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުން 1439 ވަނަ އަހަރު ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޢުމްރާއަށް ދިޔުމަށް ކުންފުނިތަކަށް ފައިސާ ދައްކާއިރު، އެ ކުންފުންޏަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ބައްލައި، ކަށަވަރު ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
1439 ވަނަ އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 18 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.