ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ އިންޑިއާގެ ގައުމީ ސަލާމަތާއި ގުޅިފައިވާ މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޑިއާގެ ސިފައިން ރާއްޖެއަށް ފޮނުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ގައުމުގެ ވެރިކަންކުރަމުން އަންނަ ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ޔަޝްވަންތު ސިންހާ ބުނެފިއެވެ.
އިންޑިއާގެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޔަޝްވަންތު ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ސަރުކާރަށް ޑިޕްލޮމެޓިކް ފިޔަވަޅުތަކާއި ޑިޕްލޮމެޓިކް ނޫން ފިޔަވަޅުތަކެއް އެޅެން އެބަހުރި ކަމަށާއި އެ އެ ފިޔަވަޅުތައް އެޅުމުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ އިންޑިއާގެ ގައުމީ ސަލަމާތަށް ކަމަށެވެ. އޭނާ ބުނީ މިވަގުތު އިންޑިއާގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން މައްސަލަ އިތުރަށް ގޯސްވުމަށް ފުރުސަތު ދެވިފައިވާ ކަމަށާއި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ އިންޑިއާގެ ސަރުކާރުން ވަގުތުން ވަގުތަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ހަމައެހެންމެ ޔަޝްވަންތު ބުނެފައިވަނީ ރާއްޖެއަކީ އާބާދީގެ ނިސްބަތުން ޓެރަރިސްޓް ޖަމާތެއް ކަމަށްވާ އައިސިސްއަށް އެންމެ ގިނަ މީހުން ގުޅިފައިވާ އަދި ގުޅެމުން އަންނަ ގައުމު ކަމަށާއި އައިސިސް ނައްތާލެވުމުން އެ މީހުން އެނބުރި ދާނީ ރާއްޖެއަށް ކަމަށެވެ. އޭނާ ބުނީ ރާއްޖެއަކީ އިންޑިއާގެ އެންމެ އަވަށްޓެރި ގައުމު ކަމަށާއި އެފަދަ ހަނގުރާމަވެރިން އެނބުރި ރާއްޖެ އައުމާއެކު އެކަމުގެ ސަބަބުން އިންޑިއާއަށް ވަރަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެ ކަމަށެވެ. މިފަދަ ސަބަބުތަކުގެ ސަބަބުން ރާއްޖެއަށް އިންޑިއާގެ ސިފައިން ފޮނުވުމަކީ ވެސް އެ ގައުމުގެ ސަރުކާރަށް އެޅިދާނެ ފިޔަވަޅެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ފިޔަވަޅެއް އަޅާނަމަ އެ ފިޔަވަޅެއް އަޅަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއި ފަރުވާތެރި ކަމާއެކު ކަމަށް ޔަޝްވަންތު ބުނެފައިވެއެވެ.
މި މައްސަލައިގައި އެންމެ ކަންބޮޑުވަނީ އިންޑިއާގެ ސަރުކާރުން އަމަލުކުރުމުގައި ލަސްވަމުން ދިޔުން ކަމަށާއި ފިޔަވަޅެއް އަޅައިފިނަމް ދުނިޔޭގެ ގައުމުތަކުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޔަޝްވަންތު ބުނެފައިވެއެވެ. އެހެން ނަމަވެސް އިންޑިއާގެ ސަރުކާރުން މިއަދު ކަންކަން ކުރަމުންދާ އުސޫލުން ކަންކަން ކުރާނަމަ އިންޑިއާއަކީ ބަލިކަށި ނުކެރޭ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ފެނިގެންދާނެ ކަމަށް ޔަޝްވަންތު ބުނެފައިވެއެވެ.
ރާއްޖޭގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އިރުމައްޗަށް ބިނާކޮށްފައިވާކަން ފާހަގަކުރަމުން ޔަޝްވަންތު ބުނެފައިވަނީ ޗައިނާއިން އިންޑިއާގެ އެންމެ ގާތް ގައުމަށް އަތްގަދަކޮށް ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަމުންދާއިރު އިންޑިއާއިން މަންޒަރު ބަލަން ތިބެގެން ނުވާނެ ކަމަށެވެ. ޔަޝްވަންތު ބުނެފައިވަނީ އިންޑިއާގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރުމަކީ ރާއްޖޭގެ ސަރުކާރުން ގަދަ ބަސް ބުނެ އިންޑިއާއަކީ އެއްވެސް ކަމެއް ނުވާ ބަޔެއްގެ ގޮތުގައި ދެކޭނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުން ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު ރާއްޖޭގެ ސަރުކާރަށް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް އެންމެ ފުރަތަމަ ގޮވާލި ގައުމަކީ އިންޑިއާއެވެ. އިންޑިއާގެ މި ގޮވާލުމަށް ފުރަގަސްދީ ރާއްޖޭގެ ސަރުކާރުން ވަނީ އެ އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް އަރައި އެ ކޯޓުގެ ދޮރު ވައްޓާލުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން އަދިވެސް ފުލުހުންގެ ހައްޔަރުގައި ތިއްބެވިއިރު އެތަކެއް ތުހުމަތުތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އުފުލާފައެވެ. އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ.