އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ހައްޔަރުގައި ބަހައްޓާފައި ހުންނެވީ ފަންކާއެއް ވެސް ނެތް ވަރަށް ކުޑަ ގޮޅިއެއްގައި ކަމަށް ޤާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ހިފުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފނޑިޔާރުގެ ޤާނޫނީ ވަކީލް ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނެވީ ވަރަށް ކުޑަ ގޮޅިއެއްގައި ކަމަށެވެ. އަދި އެ ގޮޅި ވަރަށް ހޫނު ގަދަ ކަމަށާއި، ގޮޅީގައި ފަންކާއެއް ނެތް އިރު ވަރަށް ނުބައިވަސް ގޮޅީގެ ތެރެއިން ދުވާ ކަމަށެވެ.
ވަކީލް ހިސާން ވިދާޅުވި ގޮތުގައި އެއީ އެއްވެސް އިންސާނަކާއި މެދު އަމަލުކުރުން ހެޔޮވާނެ ގޮތެއް ނޫނެވެ. އުއްތަމަ ފަނޑިޔާރު ހުންނެވީ ދޫނިދޫ ޖަލުގަ އެވެ.
އުއްތަމަ ފަނޑިޔާރު ސަސްޕެންޑުކޮށްފައި ހުންނެވިއިރު އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ތެރެޔަށް ވައްޓާލުމަށް ފަހު ދަމާ ކޫތާފައިކަމަށް އެމަނިކުފާނައި ހަވާލަދީ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެބޭފުޅުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ.