ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 19:20
އޭއެން-148 މަރުކާގެ މަތިންދާބޯޓެއް (ފައިލް ފޮޓޯ)
އޭއެން-148 މަރުކާގެ މަތިންދާބޯޓެއް (ފައިލް ފޮޓޯ)
އީޕީއޭ
ރަޝިއާގެ މަތިންދާބޯޓެއް ވެއްޓު
ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ރަޝިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ
ބޯޓު ވެއްޓިފައިވަނީ 71 ފަސިންޖަރުންނާއެކު މޮސްކޯ އެއަރޕޯޓުން ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
ބޯޓު ވެއްޓުމުގެ ކުރިން ރާޑަރ ސިގްނަލް ކެނޑުނު ކަމަށް ރިޕޯޓްތައް ބުނޭ
ބޯޓުގައި ތިބި ފަސިންޖަރުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދެއް ނެތް

ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ދަތުރުކުރި ރަޝިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

ރަޝިއާގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ މީޑީއާތަކުން ބުނީ، 71 ފަސިންޖަރުންނާއެކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓިފައިވަނީ ވެރިރަށް މޮސްކޯގެ އެއަރޕޯޓުން ފުރައިގެން އޯސްކް ސިޓީ އަށް ދަތުރު ކުރަމުން ދަނިކޮށް ރާޑަރުން ފްލައިޓް ގެއްލުނު ފަހުން ކަމަށެވެ.

ސަރަޓޯފް އެއަރލައިންގެ އޭއެން-148 މަރުކާގެ ޖެޓަކީ ސަރަހައްދީ ވައިގެ ދަތުރުތަކުގައި ބޭނުންކުރާ މަތިންދާބޯޓެކެވެ.

ރަޝިއާގެ ކުއްލި ހާލަތުގައި މަސައްކަތް ކުރާ އިދާރާގެ މަސްދަރުތަކާއި ހަވާލާދީ އިންޓަރފެކްސް ނިއުސް އޭޖެންސީ އިން ވަނީ، މަތިންދާބޯޓު ވެއްޓިފައިވާ ކަމަށާއި، ފަސިންޖަރުން ދިރިހުއްޓާ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ރިޕޯޓްކޮށްފައެވެ.

މަތިންދާބޯޓު ވެއްޓިފައިވަނީ ވެރިރަށް މޮސްކޯގެ އިރުދެކުނުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައިވާ އަރްގުނޯވޯގެ ކައިރި ސަރަހަހައްދަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ބައެއް ނޫސްތަކުން ވަނީ، މޮސްކޯގެ ޑޮމޮޑިޑޯވޯ އެއަރޕޯޓުން ފުރިތާ ގާތްގަނޑަކަށް 2 މިނިޓު ފަހުން، މަތިންދާބޯޓު ރާޑަރުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ސެރަޓޯވް އެއަރލައިން އަކީ މޮސްކޯގެ އިރުދެކުނުން 840 ކިލޯމީޓަރު ދުރުގައިވާ ސެރަޓޯފް އަށް ނިސްބަތްވާ އެއަރލައިނެކެވެ. މައިގަނޑު ގޮތެއްގައި އެއަރލައިންގެ ޚިދުމަތް ދެނީ ރަޝިއާގެ ސަރަހައްދީ ވައިގެ ދަތުރުތަކުގައެވެ. އެހެންނަމަވެސް އަރްމީނިއާ އާއި ޖޯޖިއާ ފަދަ އަވަށްޓެރި ބައެއް ގައުމުތަކަށްވެސް އެއަރލައިންގެ ދަތުރުތައް ބާއްވާއެވެ.

ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ފްލައިޓްރާޑާރ24 އިން ވަނީ، ބޯޓު ފުރިތާ ފަސްވަރަކަށް މިނިޓު ފަހުން ބޯޓު ދަތުރުކުރަމުންދިޔަ އުސްމިން ކުއްލިއަކަށް ވެއްޓުނު ކަމަށް ބުނެފައެވެ. އެގޮތުން ރާޑަރުން ސިގްނަލް ކެނޑުމުގެ ކުރިން މިނިޓަކު އެއް ހާސް މީޓަރުގެ ބާރު މިނެއްގައި ބޯޓު ވެއްޓެމުންދިޔަ ކަމަށް ފްލައިޓްރާޑަރ އިން ބުނެއެވެ.

މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ވެއްޓުނު ރަޝިއާގެ ތިންވަނަ މަތިންދާބޯޓެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، 92 ފަސިންޖަރުންނާއެކު ދަތުރުކުރި ޓީޔޫ-154 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ވަނީ ކަޅު ކަނޑުގެ ތެރެއަށް ވެއްޓިފައެވެ. އެހާދިސާ ހިނގަން މެދުވެރިވީ ޕައިލެޓަށް ހެދުނު ގޯހަކުން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން 224 ފަސިންޖަރުންނާއެކު ދަތުރުކުރި އެއަރބަސް އޭ321 މަރުކާގެ ބޯޓެއް ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު މިސްރުގެ ސައިނާ ސަރަހައްދަށް ވެއްޓިފައެވެ. ފަތުރުވެރިން ގޮވައިގެން ދަތުރުކުރި މި ބޯޓު ވައްޓާލީ، ބޯޓުގެ ތެރޭގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ކަމަށް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް އިން ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް